އެމްޑީޕީގެ އިންތިހާބާއި ގުޅުވައި އިންތިގެ ޓީމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއިދު ކުރައްވާ މެމްބަރުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މައް...

01 Mar 2022 | 05:45

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއިދު ކުރައްވާ މެމްބަރުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މައްސަލަ ހުށަހެޅުއްވީ އިންތިގެ ތަރުޖަމާން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

މި މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް، ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިބި މީހުން ވަކިކުރާ ކަމަށް ބުނެ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ވައްޑެ ވިދާޅުވީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ބާރުތަކެއް ލިބިފައިވީ ނަމަވެސް އެ ބޭރުތައް ބޭނުން ކުރަން ވާނީ ގާނޫނުއަސާސީގައި އޮންނަ ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ އިންތަކުގެ ތެރެއިން ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް، ވަކި ބަޔަކު ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި އޭގެ ސަބަބުން ސަރުކާރާ މެދު ނަފްރަތު އުފެދި ބައިބައިވުން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް23 މެމްބަރުންގެ ވޯޓާއި އެކު ވަނީ ބަލައިގެންފަ އެވެ.

މި މައްސަލަ ހުށަހެޅީ ރ. ދުވާފަރު ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އެމްޑީޕީ މެމްބަރެއް ކަމަށްވާ އާމިރު އަހުމަދު ރައިސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ވަޒީފާ އިން ވަކިކުރައްވާފައިވާތީ އެވެ. ރައީސް އޮފީހުން ބުނީ އޭނާ ވަކިކުރީ ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އިންތި ފެކްޝަނަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން މެޖޯރިޓީގެ ބާރު ބޭނުންކޮށްގެން ޕާޓީގެ މަސްލަހަތު ހިމެނޭ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރަނީ ބާރުއޮތްކަން ދައްކަން ވެގެންކަމަށް މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް