ސިޔާސީ މަގާމަކުން މީހަކު ވަކި ކުރުުމުން އެކަން ހޫނުވެ،އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު އެކަން އެގޮތަށް ކުރީ ކީއްވެކަން ރައީސް އޮފީހުން ހާމަކޮށްފިއެވެ.
އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު، މުހައްމަދު މަބްރޫކް އަޒީޒް ދެންމެ މީޑިއާއަށް ވިދާޅުވީ މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިފައިވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި، އެ ފަދަ ހާލަތްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައި އޮންނަ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
"އިންތިޚާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ، މި ސަރުކާރުން އެއްވެސް ހާލެއްގައި ޤަބޫލުކުރާ، އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން. އަދި، އެ ފަދަ އަމަލުތަކަކީ މި ސަރުކާރުން އަބަދުމެ ކުށްވެރިކުރާ، މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން." މަބްރޫކް ވިދާޅުވެފައިވެއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު، ވަޒީފާއިން ވަކިކޮށްފައިވަނީ ދުވާފަރު ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ އަހްމަދު އާމިރެވެ.
އާމިރު ވަކި ކުރުމުން، ރައީސް ނަޝީދުވެސް ވަނީ އެކަމާ ކޯފާ އިސްކުރައްވާ ރައީސް ސޯލިހަށް ބަހުގެ ހަމަލާއެއް ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ގާނޫން އަސާސީގެ 115 ވަނަ މާއްދާ ބޭނުންކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންިހާބާ ދިމާކޮށް، ޕާޓީން މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައެވެ.
ރައީސް ނަޝީދު ހަމަ އެމޭރުމުން ވިދާޅުވެފައިވަނީ އެހެންކަމަށްވަންޏާ އޭނާވެސް މަގާމުން ވަކި ކުރެއްވުމަށެވެ. އެ ދެންނެވީ މަޖިލީސް ރައީސްކަމުން ވަކި ކުރެއްވުގެ ވާހަަ ކަމުގައި ބެލެވެެއެވެ.
އެ ގްރޫޕްގައި ރައީސް ނަޝީދު އެހެން ލިޔުއްވުމުން، އެ ދާއިރާގެ ރައީސް އަދި އެމްޕީ އިސްމާއިލް އަހްމަދު ވަނީ ކަން ހިނގާދިޔަގޮތް ހަމަ އެ ގްރޫޕްގައި ލިޔުއްވާފައެވެ. އެއަށްފަހު އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް