ރަޝީއާއި ޔޫކުރެއިނާދެމެދު ހިނގަމުން އަންނަ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ޔޫކުރެއިނާ ބެހޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ބޭއްވި ކުއްލި ހާއްސަ ޖަލްސާގައި ޝާހިދު ވިދާޅުވީ މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ކުރިން ގޮވާލައްވާފައިވާ ގޮވާލެއްވުން ތަކުރާރު ކުރާކަމަށެވެ. އަދި
ހުރިހާ ފަރާތްތަކަކުންވެސް ވީހާވެސް ބޮޑަކަށް ހަނގުރާމައާއި ދިމާލަށް ނުދިޔުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުން އާކުރައްވައި، ޑިޕްލޮމަސީއާއި މަޝްވަރާގެ މޭޒުދޮށަށް ފުރިހަމައަށް ރުޖޫޢަވުމަށް ޝާހިދު ވަނީ ގޮވާލާއްވާފައެވެ.
މީގެ ކުރިންވެސް ޝާހިދު ވަނީ ރަޝިއާއިން ޔޫކުރެއިންނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކޮށް، ދެ ގައުމުގެ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ޝާހިދު ވިދާޅުވީ ރަޝިޔާ ފެޑެރޭޝަނުން ދިން އަސްކަރީ ޙަމަލާއަކީ ޔޫކްރެއިންގެ ސަރަޙައްދީ ހަމަޖެހުމާއި އިސްތިޤްލާލަށް އަރައިގަތުން ކަމަށާއި، އަދި އެއީ އ.ދ.ގެ ޗާޓަރާ ޚިލާފު ކަމެއްކަމަށެވެ.
މި ހަނގުރާމާގައި އަތުލައިގަނެވުނު އަންހެނުންނާއި، ކުޑަކުދިންނާއި، ފިރިހެނުންގެ ފަރާތުން އެމީހުންގެ ހައްގުގައި މަސައްކަތްކުރުމީ ކޮންމެހެން މުހިންމު ކަމެއްކަން ޝާހިދުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ޝާހިދު ވިދާޅުވީ، މި ޙާލަތުން އަރައިގަތުމަށް، ލިބެންހުރި ހުރިހާ ޗެނަލްތަކެއްގެ ބޭނުން ހިފައި ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓައި، ނުތަނަވަސްކަން ފިލުވާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އ.ދ.ގެ ޗާޓަރުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޞުލްޙަވެރި ޙައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައެވެ.
ސެންޓްރަލް އިމަރޖެންސީ ރެސްޕޮންސް ފަންޑުން 20 މިލިއަން ޑޮލަރު ޔޫކްރެއިންގައި އުފެދިފައިވާ އިންސާނީ ކާރިސާއަށް ޚާއްޞަ ކުރައްވާނެ ކަމަށް، ހުކުރު ދުވަހު ސެކްރެޓަރީ ޖެނެރަލް އިޢްލާނު ކުރެއްވި އިޢްލާނަށް ޝަހިދު ވަނީ މަރްޙަބާ ދަންނަވާފައެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތު ލިބޭ ހިސާބުން، އިންސާނީ އެހީގެ މަސައްކަތްތަކަށް މެންބަރު ޤައުމުތަކުން އެއްބާރުލުން ދިނުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ. އ.ދ.ގެ ބިންގާ އެޅީ، ބައިނަލްއަޤްވާމީ ޞުލްޙައާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށްކަން ނަފްސަށް ހަނދާންކޮށްދޭން އެބަޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ، މި ހަނގުރާމައާއި ގުޅިގެން ސުލްހައަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށާއި، އެކަމުން ސަލާމަތްވުމަށްޓަކައި އެންމެން ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަންވެސް ހަނދާންކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް