އިންޑިއާ އައުޓް ލިޔެގެން ދެ މީހަކު ހައްޔަރުކޮށް, ބަންދަށް ހަތް ދުވަސް ޖަހައިފި: ޕީޕީއެމް

ށ. ފޭދޫގެ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހައިފި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ. ޕީޕީއެމުން މިރޭ ...

28 Feb 2022 | 19:14

ށ. ފޭދޫގެ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށް ބަންދަށް ހަތް ދުވަސް ޖަހައިފި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރީނދޫ ކުލަ ލާފައިވާ ށ. ފޭދޫ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި އެ ރަށު ދެ ޒުވާން ހައްޔަރުކޮށް، ރޭ ހަތަރުދަމު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގައި ރަހީނުކޮށްފައި ބައިތިއްބާފައިވާ ކަމަށެވެ.

އަދި މިއަދު ކޯޓަށް ގެންގޮސް އެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ މި އަމަލު ކުށްވެރި ކުރާ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނީ އިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ހިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުއޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހިޖުމްހޫރިއްޔާ އާއި ގާނޫނުތައް ހުއްދަ ކުރާ ކަމެއް ކަމަަށެވެ.

އެގޮތުން އެފަދަ ކަމެއް މަނާކުރާ އެއްވެސް ގާނޫނެއް ނެތް އިރު އެފަދަ ޝުއޫރެއް އާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހަގެން ގެންގުޅުން އެއީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މިފަދައިން ޒުވާނުންގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާ މިންވަރު އެދަނީ އިތުރަށް ހާމަވެ ފަޟީހަތްވަމުން ކަަމަށެެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ހުއްދަ ހޯދަން ޖެހޭ ހިސާބަށް ޤައުމު ގޮސްފައިވާތީ ހިތާމަކުރާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވަނީ އެ ދެ މީހުން ދޫކޮށްލުމަށާއި އެ މީހުން ހައްޔަރު ކުރި މައްސަލަ ބަލައިދިނުމަށް އެދި އެޗްއާރުސީއެމަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް