ފ. އަތޮޅު ވިއްކާލަން ނޫޅޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ގެންދަނީ ފ. އަތޮޅު ސައުދީ ރަސްގެފާނު ސަލްމާނަށް ވިއްކާލަން އުޅޭ ކަމަށް ބުނެ އަޑު ފަތުރަމުންނެވެ. އެކަމާއި ގުޅޭގޮތުން ރައީސް ޔާމީން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށާއި، ފ. އަތޮޅަށް އަންނަން އުޅެނީ 10 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއު އެއް ކަމަށެވެ.
ޕީޕިއެމްއަށް މެންބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފ. އަތޮޅު މަޝްރޫއުގައި ސުވާލު އުފައްދަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެއްވެސް އަތޮޅެއް ވިއްކާ ނުލާނެ ކަމަށާއި ސަރުކާރުން ކުރާ ކަމަކީ ހާއްސަ ގާނޫނީ އިމްތިޔާޒުތަކެއް ލިބިދީގެން ބޮޑެތި އިންވެސްޓްމެންތައް އަންނާނެ ހެން އެ ދޮރު ހުޅުވާލަ ދިނީ ކަމަށެވެ.
ރައިސް އެ ވިދާޅުވީ ފަޅުރަށްތައް ކުއްޔަށް ދިނުމުގައި އިއުލާނު ކުރުމަކާއި ނުލައި 100 އަހަރަށް ކުއްޔަށް ދެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހުގެ ވާހަކަ އެވެ. ރައީސް ވިދާޅުވީ ގާނޫނީ ވެއްޓާ ސުވާލު އުފެދޭ ނަމަ 10 ބިލިއަން ޑޮލަރު ހިފައިގެން އެއްވެސް ބަޔަކު އިންވެސްޓްކުރަން ނާންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފ. އަތޮޅުގައި ފަށަށް އުޅޭ މަޝްރޫއުގެ ވެގެންދާނީ މުޅި ދުނިޔޭގައި ރާއްޖެ ފަވާލެވިގެން ދާނެ ވަރުގެ ބިޔަ ބޮޑު މަޝްރޫއަކަށް ކަމަށެވެ. އެގޮތުން މަޝްރޫއު ނިމޭއިރު ފ. އަތޮޅުގައި ކަނޑުގެ އެތައް ކުޅިވަރުތަކަކާއި އެތައް އެއާޕޯޓަކާއި އެތައް ބައިވަރު ރިސޯޓެއް ވެސް ގާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންޓްރޯލް ނޯންނަ ގޮތަކަށް އެއްވެސް ބިމެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ. ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމަކީ ބިންތައް ކަމަށާއި އެ ބިންތަކުގެ ބޭނުން ހިފާތީ ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ވިސްނަން ޖެހެނީ، ބިން އުފައްދާނެ ގޮތާއި ބިން ބޭނުންކުރާނެ ގޮތަކާ މެދު ކަމަށް ރައީސް ވިދާޅުވި އެވެ.
"ފ. އަތޮޅު މަޝްރޫއާ އަޅުގަނޑުމެން އަޅާކިޔަން ބޭނުންވަނީ ކުއްޅަވައް ފެކްޓްރީއާ ކަމަށް ވަންޏާ، ތަންކޮޅެއް މިއިން ފައިދާ ބޮޑުވާނެ. އެއީ ޔަގީންކަމެއް. ފ. އަތޮޅު މަޝްރޫއަކީ ހަމައެކަނި ފ. އަތޮޅު ރައްޔިތުންނަށް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ބިންތައް ބޭނުންކޮށްގެން ގައުމު ތަރައްގީ ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށްވެސް ލިބުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް