ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ސިފައިންގެ ހެވިކަމުގެ މުބާރާތް ފަށައިފި

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތަށްޓަށް ބާއްވާ ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފިއެވެ. މި މުބާރާތް ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި ޚާއްޞަ ރަސް...

01 Mar 2017 | 08:59

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތަށްޓަށް ބާއްވާ ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

މި ރަސްމިއްޔާތު ފެށިގެންދިޔައީ ޤައުމީ ސަލާމަށްފަހު ޑިފެންސް މިނިސްޓަރ ލަޝްކަރު ބަލާ ފާސްކޮށްދެއްވުމުންނެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި މަރްޙަބާއާއި ޝުކުރު ދެންނެވީ މުބާރާތް ހިންގާ ކޮމެޓީގެ ޗެއަރމަން ކާނަލް ޙާމިދު ޝަފީޤެވެ. އަދި އެއަށްފަހު 12 ވަނަ ހެވިކަމުގެ މުބާރާތުގެ ތަށި ހެވިކަމުގެ މައިދާނަށް ގެނެވުނެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިރަސްމިއްޔާތުގައި ބައިވެރިވާ ގެމަތަކުގެ ޝަރަފުގެ ހިނގާލުމެއް ދައްކާލުމާއި އޮފިސަރުންގެ ޑްރިލް ޑިސްޕްލޭއެއް ޕައިޕް ބޭންޑާއެކު އޮތެވެ. މީގެ އިތުރުން އެމްއެންޑީއެފް ޑްރިލް ސްކޮޑުގެ ޑްރިލް ޑިސްޕްލޭއެއް ވެސް ވަނީ ހުށަހަޅައި ދީފައެވެ.

ސިފައިން ބުނި ގޮތުގައި އެންމެ މަތީ ވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވާ ހެވިކަމުގެ މުބާރާތަކީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެމަތީ ޝަރަފުވެރި މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ސިފައިންގެ އެކި ޔުނިޓްތަކުން 13 ގެމަ ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އަންހެން ސިފައިންގެ ގެމައެއް ވެސް ވަނީ ބައިވެރިވެފައެވެ. މިމުބާރާތް އެންމެ ފަހުން ބޭއްވިފައި ވަނީ 2010 ވަނަ އަހަރުގައެވެ.

މި މުބާރާތުގެ މަޤްޞަދަކީ ސިފައިންގެ ހެވިކަމުގެ ފެންވަރު ރަނގަޅު ކުރުމާއި އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމު ކުރުމުގެ އިތުރުން ސިފައިންނަކީ ސިފަވަންތަ އަމުރަށް ކިޔަމަންތެރި ބައެއްގެ ގޮތުގައި ބިނާކުރުން ކަން ވެސް ސިފައިން ބުނެ އެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކާއި ސިފައިންގެ އާއިލާތަކުގެ މެމްބަރުން ބައިވެރިވެލެއްވިކަން ވެސް ސިފައިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް