"ހުޅުމާލެ ފަރާއި ފަޅު ހިމެނޭ ސަރަހައްދު ބޭނުން ކުރުމުގެ އުސޫލު" ގެ ސަބަބަުން ސަފާރީ އިންޑަސްޓްރީއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ސަފާރީތައް ހިންގާ ކުންފުނިތައް ގުޅިގެން އުފައްދާފައިވާ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ނިންމާފައިވަނީ ފަޅު ބޭނުން ކުރާ ސަފާރީތަކުން 20،000 ރުފިޔާގެ މަހު ފީއެއް ނަގާށެވެ. މި އުސޫލަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައި އެވެ.
އެ ޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަފާރީތައް މަހެއްގެ ތެރޭގައި ހުޅުމާލޭ ފަޅު ބޭނުން ކުރަނީ މުދާ ބަރުކޮށްލަން ގާތްގަނޑަކަށް އަށް ވަރަކަށް ދުވަހަށް ކަމަށް ވާއިރު އެހާ ބޮޑު ފީއެއް ނެގުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. ލޭމް އިން ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ދުއްވާ ދިވެހި އުޅަނދުތަކުން ޓެކްސް އާއި އެހެނިހެން ފީތައް ދާޢްކާ އިރު ނަގާ ފީ އަކީ ރާއްޖެ އަންނަ ބޭރުގެ އުޅަނދުތަކުން ނަގާ ފީއަށްވުރެ ކުޑަ ފީއަކަށް ވާން ޖެހޭނެ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ މިއަހަރުން ފެށިގެން ސަފާރީތަކުން ދައްކާ އަހަރީ ފީ ބޮޑުކޮށްފައިވާއިރު ސަފާރީތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތައްވެސް އެއް އަހަރުން އަނެއް އަހަރަށް އިތުރު ކުރަމުންދާ ކަމަށެވެ. އަނެއްކާ އިތުރު ބޮޑު ފީއެއް ނެގުމަކީ އެ އިންޑަސްޓްރީގެ ކުރިމަގަށް އެޅޭ ހުރަހެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ މި އުސޫލަށް އަމަލު ކުރުން ފަސްކޮށް މަޝްވަރާ ކުރުމަށް ގޮވާލާފައި އެވެ.
އެޗްޑީސީގެ މި ނިންމުމާއި ގުޅިގެން މިއަދު ވަނީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންގެ ބައްދަލުވުމެއް ބާއްވާފައި އެވެ. މި ބައްދަލުވުމުގައި ވަނީ އެޗްޑީސީން އެ އުސޫލަށް އަމަލު ކުރަން ދިން މުއްދަތު ކުރުކަމުން އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ.
މިއަދުން ފެށިގެން އެ އުސޫލަށް އަމަލު ކުރަން ފަށާކަން އެޗްޑީސީން އާންމު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް