ނާޒިމްގެ މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިދިނުމަށް އެދެފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއީ ހީލަތް ހެދުމުގެ ދައުވާގައި ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް ...

01 Mar 2015 | 09:23

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއީ ހީލަތް ހެދުމުގެ ދައުވާގައި ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް އިއްވާފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި ދިނުމަށް  ނާޒިމްގެ ފަރާތުން އެދިވަޑައިގެންފި އެވެ.

ނާޒިމް އާއި ދެކޮޅަށޤ ދައުލަތުން ކުރާ ދައުވާގައި އޭނާގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ބަންޑާރަ ނާއިބް ހުސްނުއް ސުއޫދެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ވަކީލު ސުއޫދު ވިދާޅުވީ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވި ފަހުން ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާ އާއި 18 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 50 ވަނަ މާއްދާ އާއި 52 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ ދަށު ކޯޓުގެ މަރުހަލާގައި ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތުދިން ކަމަށާއި އެ މައްސަލާގައި ހެކީންގެ ގޮތުގައި ދައުލަތުން ހުށަހަޅާ ފަރާތްތަކަކީ ކުށުގެ އަސްލު އުފަންކުރުވި މީހުން ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މަކަރާއި ހީލަތްހެދުމުގެ ކުށުގެ އަމަލު ހިންގާފައި ވަނީ ނާޒިމް ސޮއިކުރައްވައި ހުއްދަދީގެން ނޫންކަން ތަހުގީގު ބަޔާންތަކުން އެނގޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ނާޒިމްގެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް ދައުލަތުން އެދިފައިވާ އިރު، ސުއޫދު ވިދާޅުވީ އޭނާ ފާހަގަކުރެއްވި ކަންތައްތަކަށް ބެލުމަށް ފަހު އެ މައްސަލަ އަލުން ބެލުމަށް އަންގައި ހުކުމްކުރާ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

ސުއޫދުގެ ވާހަކަތަކަށް ރައްދުދެއްވައި ދައުލަތުގެ ވަކީލާ ސަފާ އިބްރާހީމް ވިދާޅުވީ އިސްތިއުނާފު މުއްދަތު ހަމަވާފަހުން ހުށަހެޅޭ މައްސަލަތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފެނިވަޑައިގެންފި ނަމަ ބަލައިގަނެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހެޅިފައި ވަނީ ގާނޫނީ އިމުގެތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ނާޒިމްގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ދައުލަތަށް ދިނުމަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް