އިހަވަންދިއްޕޮޅުގަި ތަރައްގީ ކުރާ " އައިހެވަން" މަޝްރޫއު އިންޑިއާ ހަވާލުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފި އެވެ.
އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް އެކަން ހުށަހެޅުއްވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ކަމަށެވެ.
އޭނާ އެކަން ހުށަހެޅުއްވީ ޑަބްލިއުއެޗްއޯގެ ބައްދަލުވުމަކަށް ނިއުދިއްލީ އަށް ވަޑައިގެން އުޅުއްވަމުން އިންޑިއާގެ އޮފިޝަލުންނާ އެކު ބޭއްވެވި ސިއްރު ބައްދަލުވުމެއްގައި ކަން އެނގިފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.
އެ ނޫހުގައި ބުނެފައި ވަނީ ޗައިނާ އިން ތަރައްގީ ކުރަން ގަސްދުކުރާ މެރިޓައިމް ސިލްކް ރޫޓްގައިވާ އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަޝްރޫއު އެންމެ ގައުމަކަށް ދޫނުކޮށްލާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދީފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާ އެކަމުން އިސްތިސްނާ ކުރުމަށް ނިންމާފައިވާ ކަމަށް މުންދު ވިދާޅުވި ކަމަށް ވެސް ހަބަރުގައި ބުނެފައި ވެ އެވެ.
އެ ހަބަރުގައި އިތުރަށް ބުނެފައިވަނީ އިހަވަންދިއްޕޮޅަކީ ވަރަށް މުހިއްމު ލޮކޭޝަނެއްގައިވާ ތަނެއްކަމަށެވެ. އެގޮތުން އެ އަތޮޅު ވަނީ އަހަރެއްގެ ތެރޭގައި 18 ޓްރިލިއަން ޑޮލަރުގެ މުދާ އުފުލާ މަގެއްގައި ކަމަށް ބުނެފައިވެ އެވެ.
އެކަމުގެ ތެދު ދޮގާއި ބެހޭގޮތުން ސަރުކާރުން އަދި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް