ކުރިން ސަރުކާރުން ބުނެފައިވާގޮތަށް މިއަދުން ފެށިގެން ފުވައްމުލަކު ރީޖަނަލް އެއާޕޯޓް ހިންގުމާއި ސަރުކާރުން ހަވާލުވެއްޖެ ކަަމަށް ރީޖަނަލް އެއަރޕޯޓްސުން ބުނެފި އެވެ.
ރީޖަނަލް އެއާޕޯޓްސް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުގެ ހިންގުމާ ރަސްމީކޮށް ސަރުކާރުން މިއަދުން ފެށިގެން ހަވާލުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން އެއާޕޯޓާއި ހަވާލުވިޔަސް އޮޕަރޭޝަންސްތައް ކުރިޔަށް ކުރިޔަށް ދާނީ ކުރިއެކޭ އެއްގޮތަށް ކަމަށެވެ.
އަދި އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން އެސްޓީއޯއިން ސިވިލް ސާވިސް މުވައްޒަފުންނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސާމީ ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް ނިމޭނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.
އެސްޓީއޯއިން ހިންގަމުންދިޔަ ފުވައްމުލަކު އެއާޕޯޓު ސަރުކާރަށް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށް ފަހު ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. ސާމީ ވިދާޅުވީ އެ ބަދަލު ދެވެން އަންނަނީ އެއާޕޯޓުގެ އޮޑިޓެއް ކޮށްގެން ކަމަށާއި އެ މަސައްކަތް އަދިވެސް ކުރިޔަށް ދާކަމަށެވެ.
ފުވައްމުލަކު އެއާޕޯޓް ހެދުމަށް 170 މިލިއަން ރުފިޔާ އެސްޓީއޯ އިން ހޭދަކޮށްފައިވާއިރު އެ އެއާޕޯޓް އޮޕަރޭޓް ކުރުމަށް އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް