ރައީސްގެ ޕާކިސްތާނު ދަތުރުފުޅު އަނެއްކާވެސް ފަސްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރައްވަން ނިންމަވާފައިވާ ރަސްމީ ދަތުރުފުޅު އަނެއްކާވެސް ފަސްކުރައްވައިފި އެވެ. ރައީސް ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެއްވި މ...

01 Mar 2015 | 05:53

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޕާކިސްތާނަށް ކުރައްވަން ނިންމަވާފައިވާ ރަސްމީ ދަތުރުފުޅު އަނެއްކާވެސް ފަސްކުރައްވައިފި އެވެ.

ރައީސް ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެއްވި މިއީ ދެވަނަ ފަހަރެވެ. ރައީސް އެންމެ ފަހުން ޕާކިސްތާނަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ދަތުރުފުޅު ފަސްކުރެއްވި ސަބަބެއް ހާމަކޮށްފައި ނުވާއިރު ރައީސްގެ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކަދައްކާފައެއް ނުވެ އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މީޑިއާގައި ވިދާޅުވެފައިވަނީ ރައީސް ޕާކިސްތާނަށް ވަޑައިގަންނަވާނެ ވަކި ދުވަހެއް އެއްވެސް ގައުމެއްގެ ސަރުކާރަކުން ހާމަކޮށްފައެއް ނުވާނެ ކަމަށާއި ޕާކިސްތާނުގެ ބޮޑުވަޒީރު ދެއްވާފައިވާ ދައުވަތުގައިވަނީ ރައީސަށް ފަސޭހަފުޅު ވަގުތެއްގައި ވަޑައިގަތުމަށް ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ރައީސް ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލް ކުރެއްވީ އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން އޭރު ތައްޔާރުވަމުން ދިއުމުން ކަމަށް ބައެއް މީހުން ބުނެ އެވެ.

އެންމެ ފުރަތަމަ ރައީސް ޔާމީން ޕާކިސްތާނަށް ވަޑައިގެންނެވުމަށް ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދަތުރުފުޅު ފަސްކުރެއްވީ އެގައުމުގެ ސަލާމަތީ ކަންކަން އޭރު ހުރި ގޮތުންނެވެ.

ރައީސް ޔާމިން ޕާކިސްތާނަށް ފުރާވަޑައިގަތުމަށް އެއް ދުވަހަށް ވެފައިވަނިކޮށް އެދަތުރުފުޅު ކުއްލިގޮތަކަށް ފަސްކުރެއްވީ އެގައުމުގެ ކަރާޗީ އެއާޕޯޓަށް ތާލިބާނުން ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް