ސޯނަމް ކަޕޫރަށް ސްވައިން ފްލޫ ޖެހިގެން އޭނާ ކުޅެމުންދިޔަ ފިލްމްގެ މަސައްކަތް މަޑު ޖައްސާލަން ޖެހިއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ ގުޖްރާތު ސްޓޭޓުގެ ރާޖްކޮޓް ކައިރީގައި އޮންނަ ގޮންޑަލް ގައި ސޫރަޖް ބަރްޖަތިޔާގެ "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ޝޫޓިންގް ގައި އުޅެމުން ކުރި ލޭގެ ޓެސްޓަކުން އޭނާއަށް ސްވައިން ފްލޫ ޖެހިފައިވާކަން އެނގުމުން އޭނާ މިއަދު ވަނީ ފްލައިޓެއް ޗާޓާކޮށްގެން މުމްބާއީއަށް ގޮސްފައި އެވެ. އޭގެ ކުރިން އިއްޔެ ހެނދުނުން ފެށިގެން އޭނާ އޮތީ ރާޖްކޮޓްގެ ސްޓާލިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.
އެކަމާ ގުޅިގެން ފިލްމް ގެ ޑައިރެކްޓަރާއި ސޯނަމް އާއި އެކު އެ ފިލްމްގައި ބައިވެރިއެއްގެ ރޯލް ކުޅޭ ސަލްމާން ހާންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ. އަދި މިވަގުތު ފިލްމްގެ މަސައްކަތް ވަނީ މަޑުޖެހިފައި އެވެ.
ސޯނަމްއަށް ސްވައިން ފްލޫ ޖެހިފައިވާކަން އެނގުމުން އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ސޯނަމްގެ އިތުރުން އޭނާއަށް ތަމްރީންދޭ މީހާވެސް ވަނީ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައި އެވެ. މައުލޫމާތު ލިބޭގޮތުގައި ސޯނަމްއަށް ސްވައިން ފްލޫ ޖެހިފައިވަނީ އޭނާގެ ފަރާތުން ނެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ސޯނަމް ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ސޯނަމްއަށް ސްވައިން ފްލޫ ޖެހުން ވެގެންދާނީ އިންޑީއާ ސަރުކާރަށް ސްވައިން ފްލޫއަށް ހާއްސަ ސަމާލުކަމެއް ދީ އެކަމަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަށް ޕްރެޝަރު ބޮޑުވެގެން ދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް