ރާއްޖޭގައި ސިޔާސީ ހަލަބޮލި ކަމާމެދު ކަންބޮޑުވާކަމަށްބުނެ އަވަށްޓެރި ސްރީ ލަންކާގެ އިސް ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް ލަންކާގެ ނޫސް ތަކުން ބުނެފި އެވެ.
ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ލަންކާގެ އިސް ވަފުދެއް ރާއްޖެ އަންނަނީ މިހާރު ރާއްޖޭގައި ކުރިއަށްދާ ސިޔާސީ ހަލަބޮލިކަމާމެދު ކަމާ ބެހޭ ފަރާތްތަކާމެދު މަޝްވަރާ ކުރުމަށް ކަމަށެވެ.
އެ ވަފުދު ރާއްޖެ އަންނާނެ ދުވަހެއް އަދި އެ ވަފުދުގައި ބައިވެރިވަނީ ކިތައް ބޭފުޅުން ކަމެއް ލަންކާގެ ނޫސްތަކުގައި އަދި ބުނެފައި ނުވެއެވެ. ނަމަވެސް އެ ނޫސްތަކުގައި ބުނެފައިވާގޮތުން ލަންކާގެ ވަފުދެއް ރާއްޖެ އައުމަށް ހަމަޖެހުނީ އިދިކޮޅު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމަނިކުފާނާއެކު ލަންކާއަށްދިޔަ ވަފްދުން ފާޅުކުރި ކަންބޮޑުވުންތަކާމެދު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާމެދު މަޝްވަރާ ކުރުމަށެވެ.
ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ފަރާތުން ވަފުދެއް ލަންކާއަށް ގޮސްފައިވާއިރު އެ ވަފުދުގައި އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. ގާސިމް ވަނީ މި ދަތުރުގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިސިރޭނާގެ އިތުރުން ލަންކާގެ ސިޔާސީ އިސް ބައެއް ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް