އުމަރު ބުނަނީ ތާއީދު އޮތްކަމުގެ މަންޒަރު ޕާޓީތަކުން ދައްކަމުންދާތާ 20 އަހަރުވީއިރުވެސް ނަތީޖާއަކީ ހަމަ ވައްކަމާއި އިސްރާފު ކަމަށް - ހައްލަކީ އުމަރު ކަމަށް

ތާއީދު އޮތްކަމުގެ މަންޒަރު ޕާޓީތަކުން ދައްކަމުންދާތާ 20 އަހަރުވީއިރުވެސް ނަތީޖާއަކީ ހަމަ ވައްކަމާއި އިސްރާފު ކަމަށާއި ރާއްޖެއަށް ހައްލަކީ އުމަރު ނަސީރު ކަމުގައި އުމަރާއި އޭނާގެ ޓީމުން ބުނެފިއެވެ. އުމަ...

01 Feb 2025 | 11:58

ތާއީދު އޮތްކަމުގެ މަންޒަރު ޕާޓީތަކުން ދައްކަމުންދާތާ 20 އަހަރުވީއިރުވެސް ނަތީޖާއަކީ ހަމަ ވައްކަމާއި އިސްރާފު ކަމަށާއި ރާއްޖެއަށް ހައްލަކީ އުމަރު ނަސީރު ކަމުގައި އުމަރާއި އޭނާގެ ޓީމުން ބުނެފިއެވެ.

އުމަރާއި އޭނާގެ ޓީމުން މިހެން ބުނެފައިވަނީ އުމަރުގެ ސޯޝަލް މީޑީއާ އެކައުންޓްތަކުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި އުމަރު ބުނެފައިވަނީ ސިޔާސީ ޕާޓީ ތަކުން ބޮޑެތި އެއްވުން ތަކާއި ހިނގާލުންތައް ބާއްވައި، އެމީހުންގެ ތާއީދު އޮތްކަމުގެ މަންޒަރު ދައްކަމުންދާތާ 20 އަހަރު ފުރެނީ ކަމަށާއި ދިވެހިން މި މަންޒަރުތައް އެތަކެއް ފަހަރު ދެކެފި ކަމަށެވެ.

"މި މަންޒަރުތައް ބެލުމަށް ފަހު އެތައް ފަހަރަކު ވޯޓު ވެސް ދީފި، ނަތީޖާ އަކީ ވައްކަމާއި އިސްރާފާއި ނުހައްޤުން ޕާޓީ މީހުންނަށް ދައުލަތުގެ ބިންތަކާއި ރަށްތަކާއި ފަޅުތަކާއި ވަޒީފާތަކާއި ކޮންޓްރެކްޓްތައް ބެހުމެވެ. ޤައުމު އިތުރަށް ދެރުން ނޫން އެހެން ކަމެއް ނުވި" އުމަރު ބުނެފައިވެއެވެ.

އަމިއްލަ ފަރުދަކު ނިކުމެ ސިޔާސީ ޕާޓީތައް ބަލިކުރުމަކީ އުނދަގޫ ކަމެއް ކަމަށް އެތައް ބަޔަކު އަޅުގަނޑު ކައިރީ ބުނާކަން ފާހަގަކޮށް އުމަރު ބުނެފައިވަނީ ނަމަވެސް އަމިއްލަ ފަރުދަކު ވަނީ، ފައިސާ އާއި ރިސޯސްއާ އެކު ނިކުމެ، ބޮޑެތި މަންޒަރުތައް ދެއްކި ދެ ޕާޓީއެއް މިދިޔަ ރިޔާސީ އިންތިޚާބުގައި ބަލިކޮށްފައި ކަމަށެވެ.

"ދެން އޮތީ ނުހައްޤު ފައިސާ އެއްކޮށްގެން މިފަދަ މަންޒަރުތައް މިހާރު މި ދައްކަމުންދާ ދެ ޕާޓީން ކުރެ ކޮންމެވެސް އެއް ޕާޓީއެއްގެ މައްޗަށް އަންނަ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިހޯދުން، އަންނަ ރިޔާސީ އިންތިޚާބުގައި މި ޕާޓީތަކަށް ނޫނެކޭ ބުނުން އެއީ މި ޤައުމަށް ކުރެވޭ ބޮޑު ޚިދުމަތަކަށްވާނެ، އެދުވަސް ވެގެންދާނީ ދިވެހިރާއްޖެ އަށް ބޮޑު އިންޤިލާބީ ބަދަލެއްގެ ފެށުން ފެށޭ ދުވަހަކަށް" އުމަރު ފާހަގަކޮށްފައިވެއެވެ.

އުމަރު ބުނެފައިވަނީ މި ޤައުމު އަމިއްލަ ފައިމައްޗަށް އަދި ތެދުވާނެ ކަމަށާއި އިންޑިޔާގެ އަސްކަރިއްޔާ ފައިބާނެ ކަމަށެވެ. ދައުލަތުން އިސްރާފާއި ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލާނެ ކަމަށާއި ތަޢުލީމާއި މަސައްކަތްތެރިކަމާއި ހިވާގި ޖީލެއް ބިނާކުރާނެ ކަމަށެވެ. އިސްލާމީ ޝަރީއަތުގައި ހިފައި ކޮރަޕްޝަނާއި ޑްރަގްގެ މައްސަލަތައް ޙައްލު ކުރާނެ ކަމަށާއި ރާއްޖެ މުޅިން އާ މިސްރާބަކަށް ދަތުރުފަށާނެ ކަމަށާއި ދިވެހި ރައްޔިތުންގެ މި އަޒުމާއި ހިތްވަރުގައި މާތްﷲ ބަރަކާތްލެއްވުމަށްވެސް އުމަރު ދުޢާކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް