ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމުގެ މަގުޗާޓު ލަހެއް ނުވާނެ: ވަޒީރު އާދަމް ޝަރީފް

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމަށް އެކުލަވައިލާ މަގުޗާޓު ލަހެއް ނުވާނެކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތ...

01 Feb 2025 | 08:41

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާއިރު އެކަމަށް އެކުލަވައިލާ މަގުޗާޓު ލަހެއް ނުވާނެކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ މަޝްވަރާތައް މިއަދު ފަށާފައިވާކަމަށެވެ.

"މަސައްކަތް ކުރާނެގޮތުގެ މަގުޗާޓު އެކުލަވާލައި އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފަށާނަން" ވަޒީރު ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެ ރަށުގެ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފި ކަމަށެވެ.

ހިރިމަރަދޫގެ އާބާދީއަކީ 293 ރައްޔިތުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. ރަށުގެ އާބާދީ މަދުވުމާއި އަދި ރަށުގައި ދިރިއުޅޭ އާބާދީ ދަށްވުމުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެ ރަށުގެ ރައްޔިތުން އެދެމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެ ރަށުގެ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށްވެސް ކުރިން އެދުނެވެ. އަދި އެކަމަށް ތުލުސްދޫއިން މަރުހަބާވެސް ކިޔާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް