ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލައިގާ ހައްޔަރުކުރި ދެމީހުން ޝަރީއަތް ނިމެންދެން ބަންދު

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގާ ދެމީހަކު ފުލުހުންގެ ބެލުމުގެ ދ...

01 Feb 2024 | 17:11

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގާ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ކަމަށާއި މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ބެލުމަށްޓަކައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ މިފަދަ ހަމަލާއެއް ހިނގާފާނެކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ކުރިން އެނގިފައި ނުވާ ކަމަށެވެ.

ޝަމީމަށް ހަމަލާ ދީފައިވަނީ ދުރާލާ ރާވައިގެން ކަމަށާއި ހަމަލާ ދިން މީހުން ތިބީ އެ މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ވަރަށް ބޮޑަށް މޫނު ނިވާކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ދޭ ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދެވޭ ހަމަލާއެއް ކަމަށާއި މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ޕީޖީ ޝަމީމްގެ ސެކިއުރިޓީ މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ތަހުގީގުކުރަމުން ދާ މައްސަލައެއް ކަމުން، ތަހުގީގަށް ހުރަސް އެޅިދާނެތީ ތަފްސީލީ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް