މަޖިލިސް އިންތިޚާބަށް ޚާއްސަކޮށްގެން ބަހުސްކުރުމާއި، ވާހަކަދެއްކުންތެރިކަމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މޫސާ ވަސީމާއި، ނާސިހު ބާއްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ބަހުސްކުރުމާއި، ވާހަކަދެއްކުންތެރިކަމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށަން އެ ދާއިރާގެ ދެ ތަޖުރިބާކާރުން...

01 Feb 2024 | 10:38

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ބަހުސްކުރުމާއި، ވާހަކަދެއްކުންތެރިކަމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށަން އެ ދާއިރާގެ ދެ ތަޖުރިބާކާރުން ކަމަށްވާ މޫސާ ވަސީމާއި، މުހައްމަދު ނާސިހު ނިންމަވައި އެކަން މިއަދު އިއުލާންކުރައްވައިފި އެވެ.

ދައުލަތުގެ މީޑިއާ ކަމަށްވާ ޕީއެސްއެމްގެ ކުރީގެ ނޫސްވެރިޔާ އަދި ކުރީގެ ޕްރައިމް ޓައިމް ނިއުސް އެންކަރ މޫސާ ވަސީމަކީ، އެފަދަ ދެ ވަނަ އެއް ނެތް ހުށަހެޅުންތެރިޔެކެވެ. އޭނާ އަކީ ރާއްޖޭގައި މިހާތަނަށް ދެއްކި އެންމެ މަގުބޫލު ޓީވީ ޝޯ ކަމަށްވާ މޯލްޑިވިއަން އައިޑަލްގެ ހުށަހެޅުންތެރިޔާ އެވެ. މިވަގުތު އޭނާ އަކީ ޔޫއެސް އެއިޑުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓެއްގެ ކޮމިއުނިކޭޝަންސް ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސްގައި ވެސް މަސައްކަތްކުރައްވައިފަ އެވެ. މޫސާ ވަސީމް ވަނީ ޖާނަލިޒަމް އިން ބެޗެލާސް ޑިގްރީއެއް ހާސިލްކުރައްވައިފަ އެވެ.

ނާސިހަކީ، ކުރިން ޕީއެސްއެމް އާއި ސަން އޮންލައިން އަދި ދުވަސް އޮންލައިންގައިވެސް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ޖާނަލިޒަމުން ބެޗެލާސް ޑިގްރީ އަދި ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ނާސިހަކީ، ގައުމީ ފެންވަރުގެ ވާހަކަދެއްކުމުގެ މުބާރާތްތަކާއި ބަހުސް މުބާރާތްތަކުގައި ވާދަކުރައްވައި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ނާސިހަކީ ރާއްޖޭގެ ޕްރޮފެޝަނަލް ޕަބްލިކް ސްޕީކާސް އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއް ވެސް މެއެވެ.

މި ޕްރޮގްރާމުގެ ބޭނުމަކީ، އެ ދެ ބޭފުޅުން ވިދާޅުވި ގޮތުގައި، އިންތިހާބުގެ ކުރިން އޮންނަ ބަހުސަށް ކެންޑިޑޭޓުން ތައްޔާރުކޮށްދިނުމެވެ. ޓީވީން ލައިވްކޮށް ފޮނުވާ އެ ބަހުސުގައި ކެންޑިޑޭޓުން ދައްކާ ޕާފޯމަންސަކީ، ވަރަށް ގިނަ އާއްމުން ވޯޓުލާނެ ކެންޑިޑޭޓަކު އިހުތިޔާރުކުރަން ބަލާ މިންގަނޑެކެވެ. އެ ބަހުސަކީ، އެ ކެންޑިޑޭޓަކު މަޖިލިހަށް އިންތިހާބުވެވަޑައިގެންފި ޖަލްސާތަކުގައި ރައްޔިތުންގެ އަޑު އިއްވައިދޭނެ ގޮތުގެ ތަސައްވުރެ ފެންނާނެ ހަރަކާތެއް ވެސް މެ އެވެ.

"އެ ބަހުސްގައި ރަނގަޅަށް ޕާފޯމްކުރައްވާ ބޭފުޅުންނަށް މަޖިލީހުގައިވެސް ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ކަމުގެ ޔަގީންކަން ވޯޓްދޭ ފަރާތްތަކަށް އޮންނާނެ. އެހެންކަމުން އެ ފަދަ ކެންޑިޑޭޓުންނަށް އެކަމަށް ބަލާފައި ވޯޓްދޭ ބަޔަކުވެސް ތިބޭނެ." އެ ބޭފުޅުން ވިދާޅުވި އެވެ.

ބަހުސްކުރުމާއި، ވާހަކަދެއްކުންތެރިކަމަކީ މި ޒަމާނުގައި ޕްރޮފެޝަނަލް ތަމްރީނު ހޯދައިގެން ކުރިއަށް ދެވޭ ދާއިރާއެކެވެ. އެހެންކަމުން މަޖިލީހުގައި ޒިންމާދާރުކަމާ އެކު، ތަހުޒީބުކޮށް، އަދި ނުކުތާތައް އަޑުއަހާ މީހުންނަށް މޭރުންވާނެހެން ބަހުސްކޮށް، ވާހަކަދެއްކުމަށްޓަކައި އެކަމުގެ ޕްރޮފެޝަނަލް ތަމްރީން ހޯދުމަކީ މުހިއްމު ކަމެކެވެ.

ގާނޫނު ހަދާ މަޖިލިސްތަކުގައި ސިޔާސަތުތަކާއި، މައްސަލަތަކާ މެދު ހިނގާ ތަހުޒީބީ ބަހުސްތަކަކީ، ޑިމޮކްރަސީއެއް ފުރިހަމަވުމުގެ އެންމެ ބޮޑު އެއް ރުކުނެވެ. އެގޮތުން މަޖިލީހަކީ ގިނަ ގައުމުތަކުގައި ސިޔާސީ ލީޑަރުން އުފައްދާ، ގަދަރުވެރި މުއައްސަސާ އެކެވެ. ހިޔާލުތަފާވުންތަކާ އެކު ވެސް، އިހުތިރާމާ އެއްކޮށް ބަހުސްކުރުމާއި، ވާހަކަދެއްކުމަކީ، މަޖިލިސް މެމްބަރެއްގެ ކިބައިގައި ހުންނަން ޖެހޭ މުހިއްމު ޝަރުތެއް ކަމަށް ތަޖުރިބާކާރުން އެއްބަސްވެ އެވެ.

މޫސާ ވަސީމާއި، ނާސިހު ހިންގާ މި ޕްރޮގްރާމުގައި، ބަހުސްކުރުމާއި، ވާހަކަދެއްކުންތެރިކަމުގެ އަސާސީ ހުނަރުތަކުން ފެށިގެން އެންމެ މަތީ ހުނަރުތައް ދަސްކޮށްދޭން ތިއަރީ އަރި ޕްރެކްޓިކަލް ސެޝަންތައް ބާއްވާނެ އެވެ. މި ޕްރޮގްރާމްގެ ތެރެއިން ކޮންމެ ކެންޑިޑޭޓެއްވެސް ތަމްރީނުކުރަމަށް ސެޝަންތައް ބާއްވާނީ ވަކި ވަކިންނެވެ. އެހެންކަމުން ސީދާ އެ ކެންޑިޑޭޓަކަށް ޚާއްސަކޮށްގެން ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން ކެމްޕެއިން ސްޓްރެޓެޖީ އާއި، ކޮމިއުނިކޭޝަންސް ޕްލޭން ހަދައިދިނުމާއި، ޑިޖިޓަލް މީޑިއާ އާއި ސޯޝަލް މީޑިއާ ހަރަކާތްތައް ގެންދާނެ ގޮތް ރާވައިދިނުމަކީ ވެސް ދޭ ހިދުމަތެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 7466678 އަށް މެސެޖުކުރެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް