ވިނަރެސް މަޝްރޫއުއިން ފްލެޓް ބައްލަވައިގަތް ފަރާތްތަކަށް މަހުކުއްޔާއި ގުޅޭގޮތުން ދިނުމަށް އިތުރު ލުއިތަކެއް ދޭން ނިންމައި އެކަން އެޗްޑީސީން މިއަދު އިއުލާނުކޮށްފިއެވެ.
އެގޮތުން އެޗްޑީސީން މިއަދު ބުނެފައިވަނީ ވިނަރެސް މަޝްރޫއިން ފްލެޓު ބައްލަވައިގަތް ފަރާތްތަކުގެ އެދުމުގެ މަތިން، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ މަގު ޗާޓާއި އެއްގޮތަށް، މި ކޯޕަރޭޝަނުން މި ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައިވާއިރު އެގޮތުން "ލީސް ޓު އޯން މޮޑެލް" ގެ އިންޓްރެސްޓް ރޭޓް 9% އިން 6% އަށް ބަދަލުކުރުމުގެ އިތުރުން ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ 50% ކުޑަކުރެވި، ކުޑަކުރެވުނު 50% ފްލެޓުގެ އަގުން އުނިކުރެވިފައިވާނެކަމަށެވެ.
"މިއާއެކު ޑައުންޕޭމަންޓް ދެއްކުމަށް ދެވިފައިވާ ތިން މަހުގެ ބަދަލުގައި ހަ މަސް ދުވަހުން ޑައުންޕޭމަންޓް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، 6% އިންޓްރެސްޓް ރޭޓުގައި ފްލެޓަށް މަހަކު ދައްކަންޖެހޭ އަދަދުން އެވްރެޖްކޮށް 4،200 (ހަތަރުހާސް ދުއިސައްތަ ރުފިޔާ) މިހާރު ވަނީ ކުޑަކުރެވިފައެވެ. އަދި މި ޑިސްކައުންޓަކީ ފްލެޓުގެ އަގުން ދެވޭ ޑިސްކައުންޓެއްގެ ގޮތުގައި ވަނީ ހަމަޖެހިފައި" އެޗްޑީސީން ބުނެފައިވެއެވެ.
މި ބަދަލާއި އެކު، ވިނަރެސް މަޝްރޫއިން ފްލެޓް ބައްލަވައިގަތް ފަރާތްތަކުގެ ތެރެއިން ބޭންކެއް މެދުވެރިކޮށް ނުވަތަ އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ އުސޫލުން ފްލެޓް ބައްލަވައިގަތް ފަރާތްތަކަށްވެސް މި ލުއިތައް ދިނުމަށް ނިންމާފައިވާކަން އެޗްޑީސީން މިއަދު ބުނެފައިވެއެވެ. އެގޮތުން ބޭންކު ލޯނަށް މަހަކު އެވްރެޖްކޮށް ދައްކަންޖެހޭކަމަށް ލަފާކުރެވޭ އަދަދުން 4،200 (ހަތަރުހާސް ދުއިސައްތަ ރުފިޔާ) އެވްރެޖްކޮށް ކުޑަވާނެ ގޮތަކަށް ފްލެޓުގެ އަގުން ޑިސްކައުންޓެއް ދެވިގެންދާނެ ކަމަށާއި އަދި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް ފްލެޓުގެ އަގުންވެސް އެވަރުގެ ޑިސްކައުންޓެއް ދޭގޮތަށް ހަމަޖެހިފައިވާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
"މީގެ އިތުރުން، މިހާތަނަށް ލޯނު ހަމަޖައްސަވައިގެން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށާއި އަމިއްލަ ފައިސާއިން އެއްފަހަރާ އަގު އަދާކޮށްފައިވާ ފަރާތްތަކަށް ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުން، އަދި ފްލެޓްގެ ޑައުންޕޭމަންޓަށްވާ އަދަދުގެ 50% އަގުން އުނިކުރެވި އަދި އަގު އަދާކޮށްފައިވާ ފަރާތްތަކަށް މި ޑިސްކައުންޓަށްވާ ފައިސާ އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުން" އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވަނީ މި ބަދަލާއި ގުޅިގެން އެގްރީމަންޓަށް އަންނަ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި އެ ކޯޕަރޭޝަނަކީ އަބަދުވެސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކޮށް ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތްކުރާ ކުންފުންޏެއްކަން މި ފުރުސަތުގައި ފާހަގަކުރާކަމަށެވެ. އަދި ވިނަރެސް މަޝްރޫއިން ފްލެޓް ބައްލަވައިގަތް ފަރާތްތަކުގެ ޝަކުވާތަކާއި މައްސަލަ ބަލައިގަނެ، އެކަންކަމަށްވެސް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް