ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ 'ކޮމިއުނިޓީ ފޯރަމް 2024'' ތިންރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ މި ފޯރަމްތައް ބާއްވާފައިވަނީ، ރ. ދުވާފަރު، ގދ. ތިނަދޫ އަދި ލ. ފޮނަދޫގައެވެ.
ފުލުހުން ބުނީ މި ފޯރަމްތަކުގައި ސްޓްރެޓެޖިކް ޕްލޭން އެކުލަވައިލުމަށް އެ އަތޮޅުތަކަށް ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅުއްވާފައިވާ ސީނިއަރ އޮފިސަރުންނާއި، ރީޖަން ކޮމާންޑަރުންނާއި އަތޮޅުތަކުގެ ކޮމާންޑަރުންގެ އިތުރުން ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުގެ މުވައްޒަފުންނާއި އެ އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އެ ދެއަތޮޅުގެ ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި ވިޔަފާރިވެރިންނާއި ރަށްރަށުގެ ކަމުވޮށިގެންވާ މީހުން ބައިވެރިވެލެއްވި ކަމަށެވެ.
މި ފޯރަމްތަކުގައި މުޖުތަމައުގައި މިހާރު ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި ރައްޔިތުންގެ ހިޔާލު ހޯދައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަށް ދެނެގަނެ، ފުލުހުންނާއި ރައްޔިތުން ގުޅިގެން ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ގޮތްތަކާ ބެހޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށްޓަކައި ގާއިމުވެފައި ހުރި އުސޫލުތަކާއި ސިޔާސަތުތައް އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފޯރަމުގެ ބައިވެރިންނަށް މައުލޫމާތުދީ މަޝްވަރާކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް