ހޯއްގޮވާ ކެއްސުމަށް އިތުރު މީހަކު ޕޮޒިޓިވްވެ، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 5 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ 31 ޖަނަވަރީ ވަނަ ދުވަހު އިތުރު ޕޮޒިޓިވް ކޭސް އެއް ގއ.ވިލިނގިލިން ފެނިފައިވާ ކަމަށާއި، މިއީ ގއ.ވިލިނގިލިން މިއަހަރުގެ މިހާތަނަށް ފެނުނު 5 ވަނަ ކޭސް ކަމަށެވެ.
ގއ.ވިލިނގިލީގައި ބަލި ފެތުރުން މަދުކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެންޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ އަދަދު 177 އަށް އަރާފައިވާއިރު، އަލާމާތްތައް ހުރި ކޮންޓެކްޓުންގެ އަދަދަކީ 25 އެވެ. އޭގެ ތެރެއިން 2 މީހުންނަކީ ހައި ރިސްކް ކޮންޓެކްޓުންނެވެ. އަލާމާތްތައް ހުރެގެން މިހާތަނަށް 46 މީހަކު ބައްޔަށް ޓެސްޓްކޮށްފައިވާއިރު، 27 މީހަކަށް ޕްރޮފައިލެކްސިސް ދީފައިވާކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ހޯއްގޮވާ ކެއްސުން އަދި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅުމަށާއި، އަލާމާތެއް ހުރިނަމަ މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި، އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކުރުމަށާއި، އިންފްލުއެންޒާ އަދި ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަރޓޫސިސްގެ ވެކްސިން ފުރިހަމަ ނުކުރާ ކުދިން ވެކްސިން ފުރިހަމަ ކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް