ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންއާއި ހިޔާނާތުގެ ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނީ އެފްއޭއެމް އަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ދެ ދަޢުވާއެއް، ބައްސާމްގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުހެ ޖުލައި މަހާއި އޮގަސްޓް މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން 10,000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. ބޭންކް ޗާޖުގެ ގޮތުގައި 5 ޑޮލަރު އުނިކުރުމަށްފަހު ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ 9,999 ޑޮލަރެވެ.
ޕީޖީ އޮފީހުން ބުނީ އެ ފައިސާ ބައްސާމްގެ އަމިއްލަ އެކައުންޓަށް ފޮނުވާފައިވަނީ ޑޮލަރު މާރުކުރުމަށް ކަމުގައި ލިޔެފައިވީ ނަމަވެސް، 9,999 ޑޮލަރަށްވާ ދިވެހި ފައިސާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތް ކަމަށެވެ.
ބައްސާމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 1,910 ޑޮލަރު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއަރ އިންވެސްޓްމެންޓްގެ ކަންކަމަށް ވަނީ ބޭނުންކޮށްފައެވެ. އަދި 2,000 ޑޮލަރު ބައްސާމް ކުށްޔަށް ނަގައިގެން އުޅުނު ކ.މާލެ، ރެހެންދި 302-6 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި މީގެ އިތުރުންވެސް، އެ ފައިސާ އެކި މީހުންނަށް އެކި އަދަދުތަކުން ފޮނުވާ، ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ބައްސާމްގެ މައްޗަށް ޕީޖީ އިން އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ނަމަ، 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ހިޔާނާތުގެ ކުށް ސާބިތުވެއްޖެ ނަމަ، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައަކީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމުން، ތަހުގީގުގައި ކަންކަން ފުރޮޅެމުންދާ ވަރަކަށް އިތުރު މުއާމަލާތްތަކާ މެދު ފެންނަން ހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ގާނޫނީ ފިޔަވަޅު ނިންމަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް