ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވައިސް ޗެއާމަން އަދި ސްޕޯކްސްޕާސަން އިސްމާއިލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ 7 ފެބްރުވަރީ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ހަބީބް ވިދާޅުވީ ރީ-ރަޖިސްޓަރ ކުރެއްވޭނީ ހަމައެކަނި އޮންލައިން ކޮށް ކަމަށެވެ.
ރަށްވެހިވެފައިވާ ތަން ނޫން އެހެންތަކަށް ރަޖިސްޓަރީ ވުމަށް އެދި ހުށައެޅޭނީ އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި ސިޓީގެ ކައުންސިލް އަދި އަވަށު އޮފީސްތަކުން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ ނަންބަރާއި، ވޯޓު ފޮށީގެ ކޯޑާއި، ވޯޓުލާ ސަރަހައްދާއި، ވޯޓު ފޮށީ ބަހައްޓާ ރަށާއި ތަނުގެ މައުލޫތުވެސް އީސީ އިން މިއަދު ވަނީ އާއްމުކޮށްފައެވެ.
ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށްޓަކައި، އަދި ވޯޓު ލާން ދާން ޖެހެނީ ކޮންތާކު ހުންނަ ކޮން ފޮށްޓަކަށްތޯ ދުރާލާ ބެލުމަށް އީސީ އިން ވަނީ އިލްތިމާސްކޮށްފައެވެ. އީސީ އިން ބުނީ އެ ކޮމިޝަންގެ ހޮޓްލައިން 1414 އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. ވޯޓު ލާ ތަން ބެލުމަށް އެސްއެމްއެސް ކުރައްވާނީ VR (space) ID number ޖެއްސެވުމަށް ފަހު 1414 އަށެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 މާޗު 2024 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް