ހުސްވަގުތު ފޮތެއް ކިޔާލަމާ..

ފޮތް ކިޔުމަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެވެ. ކޮންމެ ދުވަހަކުވެސް ކިޔުމަށް ކޮންމެވެސް ވަގުތުކޮޅެއް ހޭދަކުރެވޭތޯބަލާށެވެ. ސިކުނޑިއަށް ކަސްރަތު ލިއްބައިދޭ ކަމެއް ތަފާތު ވައްތަރުގެ...

01 Feb 2024 | 03:36

ފޮތް ކިޔުމަކީ އޭގައި ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ ކަމެވެ. ކޮންމެ ދުވަހަކުވެސް ކިޔުމަށް ކޮންމެވެސް ވަގުތުކޮޅެއް ހޭދަކުރެވޭތޯބަލާށެވެ.

ސިކުނޑިއަށް ކަސްރަތު ލިއްބައިދޭ ކަމެއް

ތަފާތު ވައްތަރުގެ ލިޔުންތައް ކިޔުމަކީ ސިކުނޑިއަށް ކަސްރަތު ލިއްބައިދޭކަމެވެ. ބައެއްފަހަރު ބައެއް ވައްތަރުގެ ލިޔުންތައް ކިޔަމުންދާ ގަޑީގައި މާޒީގައި ހިނގާފައިވާ ކަމަކާއި ގުޅުވާލެވެ. އަދި އޭރު ހިނގައިދިޔަ ކަންތައްތަކެއް ހަނދާނަށް އާދެއެވެ. އެހެންކަމުން އެ ހަނދާންތައް އާވުމުގައި، ސިކުނޑި އެކުރާ މަސައްކަތުން ސިކުނޑިއަށް ކަސްރަތު ލިއްބައިދެއެވެ.

މައުލޫމާތު މުއްސަނދިވާ ކަމެއް

މައުލުމާތު އެކުލެވޭ ތަފާތު ލިޔުންތައް ކިޔުމަކީ އަބަދުވެސް ސިކުނޑީގެ ބަސްކޮށާރު މުއްސަނދިވާ ކަމެކެވެ. އަދި މިފަދަ ލިޔުންތަކުން ދަސްވާ އާ މައުލޫމަތުގެ ސަބަބުން ދިރިއުޅުމުގައި ކޮންމެހެން ބޭނުންވާ، އެކަމަކު ކުރިން ނޭނގޭ އެތައް މައުލޫމާތެއް އެނގިގެންދެއެވެ.

ބަސްކޮށާރު މުއްސަނދިވާކަމެއް

ކިޔުމަކީ ބަސްކޮށާރު މުއްސަނދިވާ ކަމެކެވެ. ގިނައިން ކޔާ ވަރަކަށް ދަސްވާ އާ ބަސްތައް ގިނަވާނެއެވެ. އެއީ ކޮންމެ ބަހަކުން ލިޔެފައިވާ ލިޔުމެއްނަމަވެސް، ބަސްކޮށާރު މުއްސަނދިވުމަކީ، ތަފާތު ވައްތަރުގެ ލިޔުންތައް ކިޔުމަށް އިތުރަށް ޝައުގުވެރިކުރުވާނެ ކަމެކެވެ. އަދި ކޮންމެ ބަހަކުންވިޔަސް ގިނަ ބަސްތަކެއް ދަސްވެ ބަސްކޮށާރު މުއްސަނދިވުމަކީ، ފަރިތަކޮށް، އަމިއްލަ ނަފްސަށް ފުރިހަމަ ޔަޤީންކަމާއެކު އެބަހަކުން ވާހަކަދައްކާލަން ލިބޭނެ ހިތްވަރެކެވެ.

ސިއްޙީ އެތައް ފައިދާއެއް ލިއްބައިދޭ ކަމެއް

ތަފާތު ވައްތަރުގެ ލިޔުންތައް ކިޔުމަކީ އޭގެން ތަފާތު ވައްތަރުގެ ސިއްޙީ ފައިދާ ލިއްބައިދޭ ކަމެކެވެ. އެގޮތުން ދިރާސާތަކުން ދައްކާގޮތުގައި ދުވާލެއްގެ ތިރީސް މިނިޓް ކިޔުމަށް ހޭދަކުރާނަމަ ހަށިގަނޑުގެ ބްލަޑް ޕްރެޝަރ ދައްކޮށްދީ، ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކަންމަތީގައި ބަހައްޓުވައިދެއެވެ. އަދ މަދުވެގެން ދުވާލެެއްގެ ހަ މިނިޓް، ކިޔުމުގައި ހޭދަކުރާނަމަ، މީހާ ސްޓްރެސް ވުމުން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދެއެވެ. ސަބަބަކީ ކޮންމެވެސް ކަހަލަ ލިޔުމަކަށް ސަމާލުކަންދީގެން، ނަފްސް އޭގެތެރެއަށް ދޫކޮށްލައިގެން އިނުމަކީ، ހަށިގަނޑު ވަރަށް ބޮޑަށް ރިލެކްސްކޮށްލައިދޭކަމަކަށް ވާތީއެވެ.

އެހެންކަމުން ތަފާތުވައްތަރުގެ ލިޔުންތައް ކިޔުމަކީ، ނުކޮށް ދޫކޮށްލާވަރަށްވުރެ، ގިނަ ފައިދާ އޭގައި އެކުލެވިގެންވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް