ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އައި ކޮސްޓަރިކާގެ ތަޖުރިބާކާރު ގޯލް ކީޕަރު ކޭލޯ ނަވަސް އިނގިރޭސި ކުލަބް ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެއްޖެއެވެ.
ނަވަސް ނޮޓިންހަމް އަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން ފަސް މިލިއަން ޕައުންޑުގެ ފީއަކަށެވެ.
ނޮޓިންހަމް އިން ލޯނެއްގެ ދަށުން އެ ކުލަބަށް ނަވަސް ގެނައީ އެޓީމުގެ އެއްނަމްބަރު ގޯލް ކީޕަރު ޑީން ހެންޑަސަން ގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައި ހުންނަން ޖެހުމުންނެވެ.
މިސީޒަނުގެ ނިޔަލަށް ނަވަސް ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެފައިވާއިރު، އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭނެ އޮޕްޝަން ވެސް އެއްބަސްވުމުގައި ވަނީ ހިމަނާފައިވެއެވެ. އެގޮތުން މި ސީޒަން ނިމުމުން ނަވަސް ދާއިމީ ކުރަން ނޮޓިންހަމް ފޮރެސްޓުން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 36 އަހަރުގެ ކޭލޯ ނަވަސް އަކީ ޔޫރަޕް ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާގެ ގޮތުން ހުނަރުވެރި ގޯލް ކީޕަރެވެކެވެ. އޭނާ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑާއި އެކު ގިނަ އަހަރުތަކެއް ވަންދެން އެއްނަމްބަރު ގޯލް ކީޕަރުކަން ވެސް ކޮށް ޔޫއެފާ ޗެމްޕިއަން ލީގު ތިން ފަހަރު އެ ކުލަބާއި އެކު ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް