ސަރުކާރުން ކ. ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި، ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފިއެވެ.
މިއާއެެކު މިވަގުތު ގުޅީގައި ފޯރުކޮށްދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިން ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
އެގޮތުން ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ 2 އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް 1 ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ 3 ތާންގީ ވަނީ ބެހެއްޓިފަ އެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވީ އެކަމަށްޓަކައި މިއަދު ގުޅީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމުގައެވެ.
އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއްކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.
ގުޅި އަކީ ފަތުރުވެރިކަމާއި، އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކ.ގުޅި ކައުންސިލްގެ ނާއިބް ރައީސް އިބްރާހިމް ފާއިޒް ވިދާޅުވީ، މީގެ ކުރިން އެރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން، ތަފާތު ހިތްދަތި އަދި ދަތި އުނގޫ ދުވަސްތައް ރައްޔިތުން ހޭދަކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް މީގެ 24 އަހަރު ކުރީގެ ވަގުތީ ނަރުދަމާ ނިޒާމުގެ ހިދުމަތަކީ މާޒީކަން ފާހަގަކުރައްވާ، މިއަދު އިފްތިތާހް ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމު ގެ މަޝްރޫއަކީ މިހާތަނަށް ރަށުގެ ތާރިހުގައި ސީދާ ރަށުގެ ރައްޔިތުންނާއި ގުޅޭ އެންމެ މަންފާލިބިގެންވާ މަޝްރޫޢު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި މިކަމުން އަންގައިދެނީ ސަރުކާރުން ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޢުނީގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ކުންފުނީގެ ބައެއް ބޯޑް މެމްބަރުންނާއި، އިސްވެރިންގެ އިތުރުން، ގުޅީ ކައުންސިލް މެމްބަރުންނާއި، އެންވައިރޮމެންޓް މިނިސްޓްރީއާއި، ޕްލޭނިންގ މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް