އިންސާނީ ވަޞީލަތް ކުރިއަރުވާ ތަރައްޤީކުރުމާއި މަތީ ތަޢުލީމަށް ބަންގްލަދޭޝް ސަރުކާރުން ލިބޭ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުރީފް ކުރައްވައިފިއެވެ.
އެމަނިކުފާނު މި ތަޢުރީފް ކުރައްވާފައިވަނީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، ރައީސްގެ އަރިހަށް ވަދާޢީމިއަދު ކުރެއްވި ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ތަޢުރީފު ކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން އިންސާނީ ވަޞީލަތް ކުރިއަރުވާ ތަރައްޤީކުރުމާއި މަތީ ތަޢުލީމާއި ޞިއްޙީދާއިރާއާއި އިޤްތިޞާދީދާއިރާއިން އެއްބާރުލުންދިނުން ފަދަ ސަރުކާރުން އިސްކަންދޭ މުހިންމު ކަންކަމުގައި ބަންގްލަދޭޝް ސަރުކާރުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ބަންގުލޭ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.
ބަންގްލަދޭޝްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ކޯވިޑް-19 ޕެންޑަމިކްގައި ދިވެހި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދިވެހި ސަރުކާރުން ބަންގަލަދޭޝްގެ ރައްޔިތުންނަށް 201،600 އެސްޓްރާ ޒެނެކާ ވެކްސިން ޑޯޒް ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ސަފީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ލީޑަރުންނާއި ސަރުކާރު ތަމްޞީލުކުރައްވާ ފަރާތްތަކުން ދެ ޤައުމަށް ކުރެއްވި ދަތުރުފުޅުތައް ފާހަގަކުރައްވައި އޭގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ ސެޕްޓެމްބަރު 22، 1978 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް