ސްރީލަންކާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ފާއިތުވި އަހަރުތަކުގައި ސްރީލަންކާގެ ސަރުކާރުން ރާއްޖެއަށް ދިން އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެެވެ.
އެމަނުކިފާނު މިހެން ވިދާޅުވީ ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އާދަމް މަޒްވަރީ ޖައުފަރު ސާދިގު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ އައު ސަފީރު މަޤާމާ ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރު ވަނީ ތަފާތު މައުޟޫޢުތަކުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އެގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި އިޤްތިޞާދީގުޅުން ވަރުގަދަކުރުމާއި ތަޢުލީމު ކުރިއެރުވުމާއި ދަނޑުވެރިކަން ކުރިއެރުންފަދަ މައުޟޫޢުތައް ހިމެނެއެވެ.
ރާއްޖެއިން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ސްރީލަންކާގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ވިސާ ފީ މަޢާފުކޮށްދިނުމަށް ދިވެހި ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ސްރީލަންކާގެ ސަރުކާރުން ނިންމަވައި ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ކަމަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގައި ކޯވިޑް-19ގެ ހާލަތު މިހާރު އޮތްގޮތުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ބަލިން ދިފާއުވުމަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިޔަށްދާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެބްރުވަރީ 4 ވަނަ ދުވަހު ފާހަގަކުރާ ސްރީލަންކާގެ 74 ވަނަ މިނިވަންދުވަހުގެ މުނާޞަބާގެ ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ މިދިޔަ 2021 ވަނަ އަހަރު އެމަނިކުފާނު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވައި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ބޭއްވެވި މަޝްވަރާތަކަށް އަލިއަޅުވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދެ ޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް