ވެކްސިން ޖަހާފައިވާނަމަ ކޮންޓެކްޓްވި ފަރާތްތައް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަދައިފި

ކޯވިޑް 19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފި...

01 Feb 2022 | 10:49

ކޯވިޑް 19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑް 19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންޓިޖަން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނައްސި ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހޭނެކަމަށެވެ.

ނަމަވެސް ކޯވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޯވިޑް 19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ފައްސިވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން ފަސް ދުވަސް ވުމުން ޕީ.ސީ.އާރު ޓެސްޓެއް ހެދަން ޖެހޭނެ ކަމަށާއި އެގޮތަށް ޢަމަލުކުރެވޭނީ ކޮވިޑަށް ފައްސިވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ކޮންޓެކްޓް ވެފައިވާ މީހުންކަމަށް އެޗްޕީއޭ އިންބުނެއެވެ.

މިގޮތަށް އަމަލުކުރާނީ ބަލި ޖެހުނު މީހާއާ ވަކިން އުޅޭ މީހުންނެވެ. އެމީހާއާ އެކީ އުޅޭނަމަ ބަލި މީހާ ކަރަންޓީނު ނިމެންދެން ކަރަންޓީނުވާން ޖެހޭނެއެވެ. އެއަށްފަހު ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެއެވެ. ނަތީޖާ ލިބެންދެން ހުންނަން ޖެހޭނީ ކަރަންޓީނުގައެވެ. އަދި ނަތީޖާ ލިބުމުގެ ފަސް ދުވަސް ފަހުން އަނެއްކާ އިތުރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ..

މީގެ އިތުރުން އެޗްޕީއޭ އިން ބުނީ އެންޓިޖަން ސެލްފްކިޓް ބޭނުންކޮށްގެން ގޭގައި ކޯވިޑަށް ޓެސްޓް ކުރެވޭނީ ބަލީގެ އަލާމާތްތައް ހުރި މީހުން އެކަނި ކަމަށެވެ. މި ޓެސްޓުން ފައްސިވާ މީހުން ވެސް އަމަލުކުރަން ޖެހޭނީ މިއަދު ނެރުނު އާ ގަވާއިދުގައި އޮތް ގޮތަށެވެ. މި ގަވައިދަށް އަމަލުކުރަން ފަށާނީ މާދަމާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް