"މައިމީހާގެ ގާތުންދޭ ކިރު ހަދިޔާ ކުރެވޭނެ އިންތިޒާމު ރާއްޖެއަށް ތައާރަފުވާންޖެހޭ" މިއީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ޑައިޓީޝަނެއް ކަމަށްވާ އާސިޔާ އަބްދުއްރަހީމް އޭނާގެ ޓްވިޓާގައި ވިދާޅުވެފައިވާ އެއްޗެކެވެ.
އާސިޔާ އެހެން ވިދާޅުވެފައިވަނީ ސިއްހީ ހިދުމަތްތެރިއެއްގެ ހައިސިއްޔަތުންނާއި އިންސާނިއްޔަތު ކަމުގެ ނަޒަރުން ކަމަށް ގަބޫލު ކުރެވޭއިރު މިއީ ވަރަށް މުހިންމު ހިދުމަތެކެވެ. ރާއްޖެ އަކީ ކުރިއަރާފައިވާ އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ދެމުން އަންނަ ބްރެސްޓް މިލްކް ބޭންކުގެ ހިދުމަތް ނުދޭ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
ބްރެސްޓު މިލްކް ބޭންކު ހިދުމަތަކީ ރާއްޖޭގެ ހޮސްޕިޓަލު ތަކުގައި ހުންނަ ބްލަޑް ބޭންކު ފަދަ ހިދުމަަކެވެ. ބޭނުންވާ މީހުން، ބޭނުން ޖެހިފައިވާ މީހުންނަށް މައި މީހާގެ ގާތުންދޭ ކިރު ހަދިޔާ ކުރުމުގެ ގޮތުން ކިރު ނަގައި އެ ބޭންކުތަކަށް ހަދިޔާ ކުރެ އެވެ. އޭރުން ހޮސްޕިޓަލްތަކުގައި ވިހާ ކުދިންނަށް ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސަ އެވެ.
އިންސާނިއްޔަތައްޓަކައި މިއީ ރަނގަޅު ހިދުމަތެއް ކަމަށް ބަލައި ކިތަންމެ ރޭވުންތެރިކަމާއި އެކު މިފަދަ ހިދުމަތެއް ދިނަސް އޮޅުވާލުންތައް ނުހިނގާނެ ގޮތަކީ ނުވާނެ ކަމެކެވެ. މިފަދަ ބޭންކެއް ރާއްޖޭގައި އުފައްދާފައި ނެތީ މައިމީހާގެ ގާތުންދޭ ކިރު ދިނުމުގައި އިސްލާމް ދީނުގައި އަންގާފައި އޮންނަ އުސޫލުތަކާއި ހިލާފު ކަންކަން ހިނގާނެތީ އެވެ.
https://twitter.com/Assidha/status/1488015092512096256
ބްރެސްޓް މިލްކު ބޭންކުތަކުން ކިރު ހޯދައިގެން ކޮންމެ ކޮންމެ މީހެއްގެ ގާތުންދޭ ކިރު ޅަ ދަރިންނަށް ދިނުމަކީ އިސްލާމް ދީނުގައި ހަރާމް ކަމެކެވެ. އިސްލާމިކް ކޮންފަރެންސް އޮގަނައިޒޭޝަނުގެ އިސްލާމިކް ފިގުހު ކައުންސިލުން މި މައްސަލައިގަ މީގެ ކުރިން ބުނެފައިވަނީ އިސްލާމީ ގައުމުތަކުގައި ބްރެސްޓު މިލްކު ބޭންކު އުފެއްދުމަކީ ދީނާއި ފުށޫ އަރާނެ އަދި ހަރާމް ކަމަކަށް ހިތްވަރުދެވޭ ނިންމުމަކަށް ވާނެ ކަމަށެވެ.
އަދި މައިމީހާގެ ގާތުންދޭ ކިރު ހަދިޔާ ކުރެވޭނެ ބްރެސްޓު މިލްކު ބޭންކުތަކުގެ ސަބަބުން ކައިވެނި ހެޔޮނުވާ މީހުން އޮޅި އިސްލާމީ ޝަރީއާއިން ކަށަވަރުކޮށްދޭ ދަރިފަސްކޮޅުގެ ރައްކާތެރިކަން ގެއްލޭނެ ކަމަށެވެ.
އާސިޔާގެ ޕޯސްޓަށް ޓުވިޓާގައި ހިޔާލު ފާޅު ކުރި ހުރިހާ އެންމެންވެސް ވަނީ ކިރު ހަދިޔާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ބްރެސްޓް މިލްކް ބޭންކު އުފެއްދުމަކީ ހަރާމް ކަމެއްކަން ފާހަގަ ކޮށްފަ އެވެ. އަދި އެފަދަ ތަނެއް ރާއްޖޭގައި އުފައްދާނަމަ ކުރަން ޖެހޭނީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާތައް ހަދައި މުސްތަގުބަލަށް ވިސްނުމަށް ފަހުގައި ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް