ބަސް އޮޕަރޭޝަންގެ ވަޒީފާތަކަށް އަންހެނުންނަށް އިސްކަންދޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ބުނެފިއެވެ.
އެކުންފުނިން ހިންގާ "ހުނަވަރު އެޕްރެންޓިސްޝިޕް" ގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމާއި ގުޅޭ މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ އެކުންފުނީގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުގައާއި އަތޮޅުތެރޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކުގައި ވެސް ގިނަ އަަދަދެއްގެ އަންހެނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކުންފުނިން ގްރޭޓަރ މާލެ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތް މި އަހަރުގެ ޖުލައި މަހު، ފުޅާ ކުރުމަށް ނިންމާފައިވާކަން ފާހަގކުރައްވާ އާދަމް އާޒިމް ވިދާޅުވީ ބަސް ޑްރައިވަރުންނާއި ބަސް އެޓެންޑެންޓުންގެ ގޮތުގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.
"އެކަމަށް ވެސް ހަމަ އަންހެންކުދިން ކުރިމަތިލާންވީ ވީހާވެސް ގިނައިން. އަޅުގަނޑުމެން އިސްކަން ވެސް ދޭނަން. މިފަދަ ވަޒީފާތަކުގައި އަންހެންކުދިން ގިނައިން ފެންނަމުން ދިއުމަކީ އަޅުގަނޑުމެންގެ ވަަރަށް ބޮޑު އަމާޒެއް. އުފަލެއް." އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަަހަރަށް އަންހެން ބަސް ޑްރައިވަރަކު ތަމްރީނު ކޮށް ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިކަން ޕްރޮމޯޓް ކުރާތީ މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ވަރަށް ބޮޑަށް ހިތްވަރުލާފަ އަންހެން ކުދިން ނުކުންނަމުންދާކަން ވެސް އާޒިމް ފާހަގަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް