ކައުންސިލް އިންތިހާބު އަނެއްކާވެސް ފަސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ކުރިން ކަނޑައަޅާފައިވާ ތާރީހު އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބު...

01 Feb 2017 | 06:02

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ކުރިން ކަނޑައަޅާފައިވާ ތާރީހު އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ދެން ކައުންސިލް އިންތިހާބު ބާއްވާނީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. ކުރިން ހަމަޖައްސާފައި އޮތީ އޭޕްރިން އަށެއްގައި އިންތިހާބު ބާއްވާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބުގެ ތާރީހު އެއް ހަފްތާއަށް ފަސް ކުރަން ޖެހުނީ ވޯޓު ފޮށިތައް ބަހައްޓަން  ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ސްކޫލްތައް އެ ތާރީހަށް ނުލިބޭތީ ކަމަށެވެ. އޭނާ ވިދާޅުވީ 90 ޕަސެންޓު ވޯޓު ފޮށި ބަހައްޓަނީ ސްކޫލްތަކުގައި ކަމަށެވެ.

"އެޑިއުކޭޝަނުން ސިޓީއަކުން އެދުނީ އިލެކްޝަންސްގައި އެ ތާރީހުގައި ސްކޫލްތައް ދެވެން ނެތް ވާހަކަ. އަށެއްގެ ފަހުން ކަމަށް ދެވޭނި. ދެން އަނެއްކައި ވޯޓު ފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެ މިނިސްޓްރީގެ މުވައްޒަފުންނަށް ވާތީ ލަސްކުރަން ނިންމީ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އީސީގެ މި ނިންމުމަކީ ގައުމީ ލަފާދޭ ކޮމިޓީއާއި މަޝްވަރާކޮށް އެ ކޮމިޓީގެ އަގުލަބިއްޔަތުން ރުހުން ލިބިގެން ނިންމި ނިންމުމެއް ކަމަށެވެ. ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން ބޭއްވީ މިއަދު އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީ ބައިވެރިއެއް ނުވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވާ ކަމަށެވެ. އަދި ކޮމިޝަނުން މިހާރު ކޮށްފައިވާ އިއުލާނުތަކުގައި ކަނޑައަޅާފައިވާ ތާރީހުތަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އެކަމަކު ކެންޑިޑޭޓުން ކުރިމަތިލާ ތާރީހާއި ވޯޓާސް ލިސްޓަށް އަންނާނެ ބަދަލުތަކާއި މެދު ގޮތެއް ނިންމާނީ އިންތިހާބީ ކޮމިޓީންކަމަށެވެ.

މިއީ ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެއްސި ތާރީހު ފަސް ކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ ޖެނުއަރީ 14 ގައި އެވެ.

އެފަހަރު އިންތިހާބު ފަސްކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނަށް އިންތިހާބަށް ތައްޔާރު ނުވެވޭތީ ސިވިލް ކޯޓުން އިންތިހާބު ފަސްކުރަން އަނމުރު ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް