ދ. ހުޅުދެލީ ސްކޫލުގެ ކަންކަން ބޮއްސުންލާފައިވާކަމަށްބުނެ އެރަށު ބެލެނިވެރީން ނިކުމެ ރަށު ސްކޫލުގެ ގޭޓު ބަންދުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަދެއްކި ބެލެނިވެރިއަކު ބުނީ ބެލެނިވެރިން ނިކުންނަން ޖެހުނީ ސްކޫލުގެ ހުރިހާ ކަމެއްވެސް ބޮއްސުންލާފައިވާތީ ކަމަށެވެ. އަދި އެކަންކަން އެންމެ ރަނގަޅަށް އެނގޭނީ ރަށު ކައުންސިލަށް ކަމަށެވެ.
ރަށު ކައުންސިލްގެ ރައީސް އާދަމް ޒާހިރަށް ގުޅާލުމުން އޭނާ ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތަކަކީ އެ ކައުންސިލްގެވެސް ކަންބޮޑުވުންތައް ކަމަށާއި އެ ކަންބޮޑުވުންތަކުގެ ތެރޭގައި ސްކޫލުގެ ކްލާސްތަކުގެ ސީލިންގް ބާވެ ބޮލަށް ވެއްޓޭވަރު ވެފައިވުމާއި، ފާހާނާތައް މަރާމާތު ކުރާން ޖެހިފައިވުމާއި، މިފަދަ އެތައް ކަމެއް ހިމެނޭ ކަމަށެވެ. އަދި މި ކަންކަމަކީ ސީދާ އެޑިއުކޭޝަން މިނިސްޓަރަށް ހުށަހަޅާފައިވާ ކަންކަންކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ.
"ދަރިވަރުން ފާހާނާއަށް ވަދެފަ ނުނިކުމެވިގެން އެބަ އުޅެންޖެހޭ ދޮރު ހަލާކުވެފަ ހުރީމަ، ޓީޗަރުން އެވަރަށް މަކަރު ހަދާ، މެނޭޖްމަންޓް އެހާ ދޯދިޔާ، ސްކޫލުގެ ވަށާ ފާރު ނެތް، ކަރަންޓް މައްސަލަ އެހާބޮޑު" ދުވަހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނެފައި ވެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ސްކޫލުގެ ކަންކަން ރަނގަޅުކޮށްދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެ ސްކޫލަކީ ދަރިވަރުންނަށް ތައުލީމު އުނގަންނަވައިދޭވަރުގެ ސްކޫލަކަށް ހައްދަވައިދެއްވުން ސަރުކާރުގެ ކިބައިން އެދޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ބެލެނިވެރީން ނިކުމެ މުޒާހަރާ ކުރާން ފަށާފައިވަނީ ހެނދުނު 6:30 ހާއިރުގަ އެވެ. ފުލުހުން ގޮސް ނަސޭހަތްތެރިވުމުން ބެލެނިވެރީންގެ މުޒާހަރާ ނިންމާލާފައިވަނީ 8:30 ހާއިރުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް