މިއަދުން ފެށިގެން މާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި

މިއަދު ހެނދުނު ހަ އަކުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ގަބުރުސްތާނުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައް...

01 Feb 2017 | 02:00

މިއަދު ހެނދުނު ހަ އަކުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭ ގަބުރުސްތާނުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހުޅުމާލޭ ގަބުރުސްތާނަށް މަރުވާ މީހުން ވަޅުލަން ގެންދަން ނިންމީ އާސަހަރާގައި ޖާގަ ފުރުމުން ކަމަށެވެ. އަދި މައްޔިތާ ހުޅުމާލެއަށް ގެންދިއުމުގައި ވީހާވެސް ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ މާލޭގައި މަރުވާ މީހުންގެ ހަށިގަނޑު އެކަމަށް ހާއްސަ ކުރެވިފައިވާ އެމްޓީސީސީ ފެރީއެއްގައި ހުޅުމާލެއަށް ގެންދާށެވެ. އެ ފެރީ އޮންނާނީ މަސްވެރިންގެ ޕާކު ސަރަހައްދުގައި ކަމަށާއި މައްޔިތާ އާއި އެކު އާއިލާގެ ތިން މީހަކަށް ދެވޭނެ ކަމަށެވެ. އަދި އެއްފަހަރާ ދެ މައްޔިތުން އެ ފެރީގައި އުފުލޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ވިލިމާލޭގައި މަރުވާ މީހުން މި އުސޫލުން ގެންދަން ހަމަޖެހިފައިވަނީ މައްޔިތާ މާލެ ނުގެނެސް ސީދާ ވިލިމާލެއިން ހުޅުމާލެއަށެވެ.

އެކަމަކު މީގެ ދެ ދުވަސް އިސްލާމިކް މިނިސްޓަރު މީޑިއާގައި ވިދާޅުވެފައިވަނީ މައްޔިތާ ގެންދާ ފެރީގައި އާއިލާގެ 60 މީހުންނަށް ދެވޭނެ ކަމަށެވެ.

ދެން އިތުރު ބަޔަކު ދާން ބޭނުންވާނަމަ ހުޅުމާލެއަށް ދާންޖެހެނީ އަމިއްލަ ހަރަދުގައި އާންމުކޮށް އޮންނަ ފެރީންނެވެ. އެ މިނިސްޓްރީން ބުނީ މައްޔިތާ ގެންދާ ފެރީ މަޑު ކުރާނީ ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި އޮންނަ އެޗްޑީސީއަށް ހާއްސަ ޖެޓީއަށް ކަމަށެވެ. އެތަނުން ސަހަރާއަށް މައްޔިތާ އުފުލާނީ މޯލްޑިވްސް ރެޑްކްރެސެންޓުގެ އެމްބިއުލާންގައި އެވެ.

ޖާގައިގެ ގޮތުން ތަނަވަސް ހުޅުމާލޭ ސަހަރާ ކުރިޔަށް އޮތް ހަ އަހަރު އިތުރަށް ވެލި ނާޅާ ބޭނުން ކުރެވޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާ މަސްޖިދުލް ޒައިދު ބިން ސާބިތުގައި ހަތަރު ހިނަވާގެ ހަދާފައިވާއިރު މޫނު ބަލަންދާ މީހުން ތިބެންވެސް ތަނެއް ހުރެ އެވެ.

އާސަހަރާގައި މީހުން ވަޅުލުން ހުއްޓާލިޔަސް އެ މިސްކިތް ބަންދެއް ނުވާނެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން އަލަށް ވިހާ ކުދިންގެ މަސްކޮޅު ނައްތާލުމުގެ ކަންކަން ކުރިޔަށްދާނީ ގަލޮޅު ސަހަރާގައި ކަމަށެވެ.

މީގެ ކުރިންވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުމާލޭގައި ހަދާފައިވާ ގަބުރުސްތާނަށް މަރުވާ މީހުން ވަޅުލުން ބަދަލު ކުރުމަށް މަސައްކަތް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް