ގަހުގެ ބޭރު ތޮށިގަނޑު ގޮތަށް ގައިގަ ފަޅާ ދިގު އެއްޗެހި ތަކެއް ބަންގްލަދޭޝްގެ އަންހެން ކުއްޖެއްގެ މޫނު މަތީގައި ނަގަން ފަށައިފި އެވެ.
ހަމަށް ޖެހޭ އާދަޔާ ހިލާފު ބައްޔެއް ކަމުގައިވާ އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ނަމަކަށް ކިޔާ މި ބަލި ޖެހިގެން މުޅި ދުނިޔޭންވެސް މިހާތަނަށް ރެކޯޑު ކުރެވިފައިވަނީ މި އަންހެން ކުއްޖާ އާއި އެކު ފަސް މީހުންނެވެ.
މި ބަލި ޖެހޭ މީހުންނަށް ކިޔަނީ “ޓްރީ” އެވެ. އެހެންވެ މި އަންހެން ކުއްޖާގެ ގައިން މި ބަލިފެނުންމުން އޭނާ ބެލި ޑޮކްޓަރުން ބުނެފައިވަނީ މިއީ ފުރަތަމަ ޓްރީ ގާލް ކަމަށެވެ.
އުމުރުން 10 އަހަރުގެ ސަހާނާ ހަތުންގެ މޫނުމަތީގައި މި އެއްޗެހިތައް ނަގަން ފެށީ މީގެ ހަތަރު މަސް ކުރިން ކަމަށް އޭނާގެ ބައްޕަ މުހައްމަދު ޝާހު ޖަހާން ބުނެފައިވެ އެވެ. އޭނާ ބުނީ ފުރަތަމަ އަޅާ ނުލައި ހުއްޓަ ކަންފަތުންނާއި، ނޭފަތް މަތިން އަދި ދަތް ދޮޅިން ތޮށި ގޮތަށް ހުރި އެއްޗެހި ނަގައި ދިގުވާން ފެށުމުން އަވަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ސަހާނާއަށް ފަރުވާ ދޭން ދިޔައީ ކަމަށެވެ.
ސަހާނާއަށް ފަރުވާދޭ މެޑީކަލް ކޮލެޖު ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވަނީ އޭނާގެ މޫނު މަތީގައި އަދި މާބޮޑަށް އެ އެއްޗެހި ފެތުރިފަ ނުވާތީ އޮޕަރޭޝަންކޮށްގެން ރަނގަޅުވާން އެހާ ގިނަ ދުވަސް ނުނަގާނެ ކަމަށެވެ. އަދި ސަހާނާގެ މޫނުމަތި ރަނގަޅު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެ އެވެ.
ބަންގްލަދޭޝްގައި އަތާފައި ފައިގަ އެ އެއްޗެހިތައް ފެޅުމުން “ޓްރީ މޭން” ގެ ނަމުން ނަންދެވިފައިވާ މީހަކުދަނީ މިހާރުވެސް މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ ދެ އަތް އޮޕަރޭޝަން ކޮށްފައިވާއިރު ޑޮކްޓަރުން ބުނީ 16 ފަހަރު އޮޕަރޭޝަންކޮށް އަތުން ނެގި ކޮންމެ ބައެއްގައި ފަސް ކިލޯގްރާމް ހުރި ކަމަށެވެ.
އުމުރުން 27 އަހަރުގެ އަބުލް ބަޖަންދަރަށް އެ ބަލި ޖެހުނީ މީގެ 10 އަހަރު ކުރިންނެވެ. އޭނާ އަށް ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދާތާ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
މި ބަލި ޖެހިފައިވާ މީހުންގެ ވާހަކަތައް ނޫސްތަކުގައި ޖަހަން ފެށުމުން ބަންގްލަދޭޝްގެ ޕްރައިމް މިނިސްޓަރު ޝެއިހް ހަސީނާ ވަނީ މި ބަލިޖެހިފައިވާ ކޮންމެ މީހަކަށް ސަރުކާރުން ހިލޭ ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައި އެވެ.
ބަންގްލަދޭޝްއަކީ މިފަދަ ތަފާތު ގޮތް ނޭނގޭ ބަލިތައް ގިނަ ގައުމެކެވެ. އެގޮތުން ހަ ލައްކައަށް ވުރެ ގިނަ މީޙުން ގޮތް ނޭނގޭ ބަލިތަކުގެ ޝިކާރައަށްވެފައި އެބަތިބި ކަމަށް ރެކޯޑުކުރެވިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް