މުޖުތަމައުއަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން "އަހަރެންގެ ބޭންކު" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި އެވެ.
ޗަމްޕާ ހޮޓެލްސްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ އެ ބޭންކްގެ ޗެއާމަން ފަރީހާ ޝަރީފާއި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.
މި ކެމްޕެއިންގެ ދަށުން ބޭންކުން ފޯރުކޮށްދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދޭ ނެ އެވެ. އެގޮތުން އަންނަ މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ. އަދި ދެމެހެއްޓެނިވި މަސައްކަތެއް ކުރުމަށް ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް ދެ ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވެ އެވެ.
މި ކެމްޕެއިންގެ ތެރެއިން ކުރިޔާސް ގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" ގެދަށުން ދެ ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވަނީ މުޖުތަމައުއަށް އެންމެ ފައިދާ ކުރާ މަސައްކަތެއް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ކަމުދާ ޕްރޮޕޯސަލް އަކަށެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ކަމަށް ނިންމާނީ ފޭސްބުކް ލައިވްގައި ޕޯސްޓުކޮށް އެންމެ ގިނަ ލައިކްސް ލިބޭ ވަރަށް ބަލައިގެންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރުވެސް އެ ކުންފުންޏާއި 20،000 ކަސްޓަމަރުން އަލަށް ގުޅިފައިވާއިރު މިހާރު އެ ބޭންކަކީ 270،000 ކަސްޓަމަރުންނާއި އެކު ދިވެހި ކޮންމެ އާއިލާ އަކާއި ގުޅި ލާމެހިފައިވާ ކުންފުންޏެއް ކަމަށެވެ. އޭނާ ވިދާޅުވީ އިތުރަށް ގުޅުން ބަދަހި ކުރުމަށް މިއަހަރުގެ ތެރޭގައި، ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް 10 ސީއެސްއާރު ޕްރޮޖެކްޓެއް އަތޮޅުތަކުގައި ހިންގަން ހަމަޖައްސާފައިވާ ކަމަށެވެ.
"ވަރަށް ފަހުން އަޅުގަނޑުމެން ވާނީ މިދިޔަ އަހަރު ސީއެސްއާރު އެކްޓިވިޓީސްތަކަށް ޚަރަދު ކުރި މިންވަރުގެ ދެ ގުނަ އިތުރަށް މިއަހަރުގެ ތެރޭގައި އެފަދަ ކަންކަމަށް ޚަރަދުކުރަން ނިންމާފަ. އެގޮތުން މިއަހަރު 300 މިލިއަން ރުފިޔާ މިފަދަ ކަންކަމަށް ހޭދަ ކުރާނެ. މިކަމުގެ ސަބަބުން 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ،" އެންޑްރޫ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ މި ކެމްޕޭން މެދުވެރިކޮށް، ބީއެމްއެލްގެ ތަސައްވުރާއި އެ ބޭންކުން ހާސިލު ކުރަން ބޭނުންވާ ކަންކަމުން މުޖުތަމައު އަށް ކުރާނެ ފައިދާތައް އާއްމުންނަށް އަންގައިދެވޭނެ އެވެ.
މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރަކާއި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކުރާނެ އެވެ.
މިހާރު ރާއްޖޭގެ 20 އަތޮޅުގައި އެބޭންކުގެ 31 ބްރާންޗް ހުރި އިރު 78 އޭޓީއެމް ގާއިމްކޮށްފައި އެބަހުއްޓެވެ. އަދި 4000 ޕީއޯއެސް މާޗަންޓުންނާ އެކު 190 ކޭޝް އޭޖެންޓުންގެ އިތުރުން 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓު ހިދުމަތް ދިނުމަށް ބޭނުން ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް