ވިލިމާލޭގައި ފުލުހެއްގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލި މީހަކު 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި, މީހަކަށް ނުރައްކާތެރި ހާނިއްކައެއް ލިބޭގޮތަށް ތޫނުއެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވެފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު ވިލިމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނަކަށް މ. ވޭރާ މުހައްމަދު ނަސްރު ހުރަސް އަޅައި ފުލުހަކަށް ވަޅިން ހަމަލާ ދީފައިވުމުން ކަމަށެވެ.
އެ ދުވަހު މިނިވަންހިޔާ ގޭގެ ތެރެއަށް ފުލުހުން ވަންނަން އުޅުމުން ނަސްރު އެކަމަށް ހުރަސް އުޅުމުގެ ގޮތުން ދޮރުލައްޕަން އުޅުނު ކަމަށާއި ތިން ވަނަ ފަހަރު ދޮރުހުޅުވަން ފުލުހުން އުޅުމުން ނަސްރު ފުލުހަކާ ދިމާލަށް ވަޅި މަޅައިލުމުން ފުލުހެއްގެ ކޮނޑަށް ވަޅިހެރުނު ކަމަށް މިއަދު އިއްވި ހުކުމުގައި ބުނެފައިވެ އެވެ.
ނަސްރު ވަޅީން ހަމަލާދިނީ ޕޮލިސް ލާންސްކޯޕްރަލް އަހްމަދު ސަމީހު މުހައްމަދަށެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެ ހަމަލާގެ ސަބަބުން ސަމީހުއަށް އަނިޔާ ލިބިފައިވާކަން އޭނާގެ މެޑިކޯލީގަލް ރިޕޯޓުން ދައްކާ ކަމަށެވެ.
ނަސްރުގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މިބާވަތުގެ މައްސަލައެއްގައި އިއްވި ފުރަތަމަ ހުކުމެވެ.
އެ ގާނޫނުގެ ދަށުން ގަސްދުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިނަމަ މަދުވެގެން ހަތް އަހަރު ދުވަހުގެ ޖަލުހުކުމެއް އިއްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް