ނާޒިމްގެ އަނބިކަނބަލުންގެ ޕާސްޕޯޓުވެސް ހިފަހައްޓައިފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބިކަނބަލުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ނާޒިމްގެ އަނބިކަނބަލުންގެ ޕާސްޕޯޓު ހިފެހެއްޓިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ...

01 Feb 2015 | 06:42

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބިކަނބަލުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ނާޒިމްގެ އަނބިކަނބަލުންގެ ޕާސްޕޯޓު ހިފެހެއްޓިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ ނާޒިމްއާއި އޭނާގެ އަނބިކަނބަލުންގެ ޕާސްޕޯޓު ހިފެހެއްޓީ އެއް މަސްދުވަހަށް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް އާއި ނާޒިމްގެ އަނބިކަނބަލުންގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

ފުނާޒިމްގެ އިތުރުން އަނބިކަނބަލުންގެ ޕސްޕޯޓު ހިފަހައްޓާފައިވާއިރު މީގެ ކުރިން ނާޒިމް ޕާސްޕޯޓޫ ހިފެހެއްޓުމަށް ފަހު ފުލުހުން ބުނެފައިވަނީ ނާޒިމްގެ ޕާސްޕޯޓޫ ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަަމަށެވެ. އެ މައްސަލައިގައި ނާޒިމްގެ އަނބިކަނބަލުންގެ ގޭގެ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައި  ފާސްކޮށް ނުރައްކާތެރި ހަތިޔާރު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނެ، ފިސްތޯލައަކާއި، ތިން ވަޒަނާއި އަދި އަމިއްލައަށް ހަދާފައިވާ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސްއެއްގެ ފޮޓޯ، ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކާލާފައި އެވެ.

އެހެންނަމަވެސް ނާޒިމްގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި މީގެކުރިން ބުނެފައިވަނީ ނާޒިމްގެ އަނބިކަނބަލުންގެ ގޭގެ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރު ފަދަ ތަކެއްޗަކީ ނާޒިމް އަދި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށެވެ.

ނަމަވެސް އެ ބަޔާން ނެރުއްވި ފަހުން ނާޒިމްގެ ވަކީލުގެ ގޮތުގައި ހުންނެވި ކުރީގެ ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޜު ވަނީ އިސްތިއުފާދެއްވާފައި އެވެ. އަދި ފަހުން އެ މަގާމަށް ހަމަޖައްސާފައިވަނީ މައުމޫން ހަމީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް