މާއިލް ގެއްލުނުތާ ހަތަރު ދުވަސް، އާއިލާގެ ތުހުމަތުތައް އެކުގައި މަސައްކަތް ކުރި މީހާއަށް!

ދ. ކުޑަހުވަދޫ، ހިރިނާދޫ، އަބްދުﷲ މާޢީލް (24އ) މަތީ ތައުލީމް ހާސިލް ކުރުމަށް ފަހު މަންމަ އާއި އޭނާގެ އުފަން ރަށް ށ. ޅައިމަގަށް ދިޔައީ މަންމަގެ އާއިލާ އާއި އެކު ވަގުތު ހޭދަކޮށްލާށެވެ. ނަމަވެސް ޒުވާން ފި...

01 Feb 2015 | 02:30

ދ. ކުޑަހުވަދޫ، ހިރިނާދޫ، އަބްދުﷲ މާޢީލް (24އ) މަތީ ތައުލީމް ހާސިލް ކުރުމަށް ފަހު މަންމަ އާއި އޭނާގެ އުފަން ރަށް ށ. ޅައިމަގަށް ދިޔައީ މަންމަގެ އާއިލާ އާއި އެކު ވަގުތު ހޭދަކޮށްލާށެވެ. ނަމަވެސް ޒުވާން ފިރިހެނަކު ވަޒީފާއަކަށް ނުގޮސް ރަށުގައި ހުރުމަކީ އާއިލާގެ އެންމެ އިސް ފަރާތް، މާމަ ހިތް ހަމަ ޖެހޭ ކަމަކަށް ނުވާތީ އޭނާ މަަސައްކަތް ކުރަން ދިޔައީ އެ އަތޮޅުގައި މީގެ ކުރިން މީހުން އުޅެ، މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ދަނޑުވެރިކަން ކުރާ ފިރުނބައިދޫ އަށެވެ.

މާއިލްގެ މަންމަ އާއި ބައްޕަ ވަކިވުމަށް ފަހު މަންމަ ކައިވެނީގެ ގޮތުން އެހެން މީހަކާއި ގުޅިގެން މާލޭގައި ދިރިއުޅެމުންދާއިރު އޭނާ ޅައިމަގު ދޫކޮށް ބައްޕައާއި އެކު ކުޑަހުވަދޫއަށް ދިރިއުޅުން ބަދަލު ކުރީ އުމުރުން އަށް އަހަރުގައި އެވެ.

ޅައިމަގުގެ ހަރު މީހުންނާއި ޒުވާނުން ބުނާގޮތުން މާއިލް އަކީ މާގިނައިން މީހުންނާއި ވާހަކަދައްކާ ސަކަރާތް ޖަހާ ހަދާ އުޅޭ މީހެއް ނޫނެވެ. އޭނާ އެ ރަށުގައި ގޮސް އުޅުނު ކުޑަ ދުވަސް ކޮޅުގައި އެކުވެރިންގެ ގޮތުގައިވެސް ގެންގުޅުނީ މަދުބައެކެވެ. އެހެން ޒުވާން ފިރިހެނުން އުޅޭ އުޅުމާއި މާއިލްގެ އުޅުން ތަފާތެވެ. އަހުލާގު ރަނގަޅެވެ. ގޯސް އުޅުމެއް އުޅޭތަނެއް މީހަކު ނުދެކެވެ.

އެކަހަލަ ގޮތަކަށް އުޅުމަށް ފަހު ވަޒީފާއަށް ދިޔަތާ ދެ ވަނައަށް ވީ ދުވަހު އޭނާ އަށް ވީނުވީއެއް ނޭނގި ގެއްލުމަކި ޅައިމަގު ރައްޔިތުންނަށް ސިހުމެއް ލިބުނު ކަމެކެވެ.

މާއިލް އަދާކުރި ވަޒީފާ

މަތީ ތައުލީމް ހާސިލް ކުރުމަށްފަހު ޅައިމަގަށް ގޮސް ވަޒީފާއަކަށް ނުގޮސް ހުރެ ދަނޑުވެރިކަން ކުރާ ރަށަކަށް ވަޒީފާ އަށް ދިއުމަކީ މާއިލްގެ ބޭބެ ގަބޫލް ކަމަށް ނުވި އެވެ. ޅައިމަގުން މައުލޫމާތު ދިން އެންމެންވެސް އެއްބަސްވާގޮތުގައި އޭނާގެ ބޭބެ އޭނާ ދެކެ ވަރަށް ލޯބި ވެއެވެ. ރަށަށް ގޮސް ހުރި ދުވަސް ކޮޅު އޭނާއަށް އަޅާލާ، ފުރިހަމަ ކޮށްދޭންޖެހޭ ހުރިހާ  ބޭނުންތަކެއް ފުރިހަމަ ކޮށް ދިނެވެ.

ނަމަވެސް މާމަގެ އެދުމަށް އޭނާ އެ ރަށު މީހެއްގެ ޑިންގީގައި ފިރުނބައިދޫއަށް ދިއައީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެވެ. އެކަން އޭނާގެ ބޭބެއަށްވެސް ނޭނގެ އެވެ. ބޭބެ މަސައްކަތް ކުރަނީ ރަށުގައި ނޫންކަމުން ދެން އޭނާގެ ބަލަދު ވެރިއެއްގެ ގޮތުގައި ހުރި މީހާއަށްވެސް ނޭނގި އެވެ.

ބޭބެއަށް މާއިލް ފިރުނބައިދޫއަށް ވަޒީފާއަށް ދިޔަކަށް އެނގުނީ އަނެއް ދުވަހު އެވެ. ހަމަ އެނގުމާއި އެކު އޭނާ ގެންދިޔަ މީހާއަށް ބަލާދާން އެންގި ކަމަށް އެ ރަށު މީހުން ބުނެ އެވެ. އަދި މާއިލް ކިޔަވައިގެން ހުރި ކުއްޖަކު ގޮސް ދަނޑުވެރިކަން ކުރާ ރަށެއްގައި ގަސްތަކަށް ފެންދޭން ހުރުމަކީ އޭނާ ހިތްހަމަ ޖެހޭ ކަމެއް ނޫންކަމަށް ބުނި ކަމަށްވެ އެވެ.

މާއިލް ގެއްލުނު ގޮތް

އަބްދުﷲ މާއިލް ގެއްލުނު ފަހުން ހަތަރު ދުވަސްވެފައިވާއިރު އަދިވެސް ވާހަކަ ދެކެވެނީ އެކި ގޮތަށެވެ. މާއިލްގެ ބޭބެގެ އެންގުމަށް ފިރުނބައިދޫ އަށް އޭނާ ބަލާ ދިޔަ އިރު އޭނާ ތޮށި މަތީގައި ހުރި ކަމަށާއި، އޭނާ ބަލާ ދިޔަ ޑިންގީ އެ ރަށު ފަޅަށް ވަންނަން ފެށުމުން ރަށު ތެރެއަށް ވަދެގެން ދިޔައީ ކަމަށް ބަލާ ދިޔަ ބައެއް މީހުން ބުންޏެވެ.

މާއިލް ގެއްލިފައިވާއިރު އޭނާގެ ފައިވާނާއި ދަބަސް ގޮނޑުދޮށުގައި ހުރި އައްޓެއްގެ މަތީގައި އޮތް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. ބައެއް މީހުން ބުނާގޮތުން ގޮނޑުދޮށުން އޭނާ އަރައިގެން ދިޔަ ފިޔަވަޅު ރަށުތެރޭގެ ވަކި ހިސާބަކުން ވަނީ ގެއްލިފައި އެވެ.

އޭނާ ގެއްލުނު ގޮތާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު ރަށުތެރެއަށް އަރައިގެން ދިޔަ މީހަކު ރަށުގެ ކޮންމެ ހިސާބެއްގައި އޮތް ނަމަވެސް ފެންނާނެކަމަށް ފުލުހުންނާއި ފިރުނބައިދޫއަށް މާއިލް ހޯދަން ދިޔަ ޅައިމަގު ރައްޔިތުން ބުންޏެވެ. މީގެ ކުރިން މީހުން އުޅެފައި ހުރި ރަށެއް ކަމުން އެރަށުގައި ވަރަށް ގަސް ބޯވެފައި ވާބޮޑެވެ.

އެ ރަށް ލިބފައިވާ ފަރާތުން އެ ރަށުގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތުގައި ބައިތިއްބާފައި ތިބެނީ މާއިލް އާއި ށ. ފުނަދޫ މީހެކެވެ.  އެމީހުން ނިދާ ހަދަނީ އެ ރަށުގެ ރަށު އޮފީހުގައި އެވެ. ރަށު އޮފީހާއި މިސްކިތް ފިޔަވާ މީހުން އުޅުނު ހުރިހާ ގެތަކެއްގެ ފުރާޅުތައް ނަގާފައި ވީނަމަވެސް ގެތަކުގެ ފާރުތައް ވައްޓާލާފަ އެއް ނުވެ އެވެ. ނަމަވެސް ފުލުހުންނާއި ޅައިމަގު ރައްޔިތުން ވަނީ އެ ރަށުގައި މީހުން އުޅެފައި ހުރި ގެތަކާއި މުޅި ރަށް އެތައް ފަހަރަކު ބަލާފައި އެވެ. ނަމަވެސް މާއިލްގެ އެއްވެސް ހިލަމެއް މިހާތަނަށް ވެފައެއް ނުވެ އެވެ.

ގެއްލުނު ގޮތާއި މެދު އާންމުން ދެކޭ ގޮތް

ޅައިމަގުގެ ގިނަ ޒުވާޏުން ބުނާޣޮތުން މާއިލް އަކީ ފީނަން އެނގޭ މީހެއް ނޫނެވެ. އޭނާ އާންމުކޮށް މޫދަށް ގޮސް މާސްކު އަޅައިގެން ފީނަން އުޅުނަސް އުޅޭގޮތުން މީހުން އޭނާެއަށް ޖޯކު ޖަހާ ހަދައެވެ. އެހެންވެ އޭނާ އެދުވަހު ރަށު ތެރެއަށް ވަދެގެން ގޮސް އެހެން ފަރާތަކުން މޫދަށް އެރުނު ވަގުތު އޮޔާ ގެންދިއުމުގެ ފުރުސަތު އެބަަ އޮތް ކަމަށް ބައެއް މީހުން ބުންޏެވެ.

"މި ދުވަސް ވަރަކީ ށ. އަތޮޅަށް ވަރަށް އޮއި ގަދަ ދުވަސް ކޮޅެއް. އަދި މާއިލް ގެއްލުނު ދުވަހަކީ ހާއްސަކޮށް އެންމެ އޮއި ގަދަވި ދުވަހޭވެސް ބުނެވިދާނެ. އޭނައަކަށް ނޭނގޭނެ މޫދުގައި ފީނާ ހަދާކަށް. އެހެންވީމަ އެބަ އޮތް ފުރުސަތު އޮއި ދަމައިގަތުމުގެ ފުރުސަތުވެސް،" ޅައިމަގު ޒުވާނަކު ބުންޏެވެ.

އެރަށު އެހެން މީހަކު ބުނީ ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުން ފިރުނބައިދޫ އަކީ ޖިންސީންގެ ކަންތައްވެސް އޮންނަ ރަށެއް ކަމުން މާއިލް އާއި ޖިންނި އެއް އަވަލެވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. ސަބަބަކީ ފިރުނބައިދޫ ތެރެއަށް އޭނާ ވަދެގެން ގޮސް ފިލާ އޮވެވޭނެ ތަނެއް މިހާރު ނޯންނާނެ ކަމަށް އޭނަ ބުންޏެވެ.

އެރަށުގައި މީގެ ކުރިން މަސައްކަތް ކުރި މި ރަށޫ ބައެއް މީހުން ބުނީ ޖިންނީންގެ ހިލަނބު ވާކަމަށް. އޭގެ ހަގީގަތެއް ނޭނގެ. އެކަމަކު  އޭނާ ފިރުނބައިދޫގެ އެއްވެސް ތަނެއްގައި ފިލާ އޮތް ނަމަ ނޫނީ އެނޫން ގޮތަކުންވެސް އޮތް ނަމަ ފެންނަ ފެންނަ ވަރަށް ހޯދިއްޖެ. އެ ރަށު ވާ މުޅިންގެން އެވަނީ ކޮށާލާފައި. ކުރިން މީހުން އުޅެފަ ހުރި ގެތަކުގައި ހުރި ފާހާނާ ތަކަށް ދަންދެން ބަލައިފިން،" މާއިލް ހޯދަން އެރަށަށް ދިޔަ މީހަކު ބުންޏެވެ.

އާއިލާގެ ތުހުމަތުތައް

މާއިލް ގެއްލިގެން ކަންބޮޑު ވަނީ ޅައިމަގުގައި ތިބި މަންމަ ފަރާތު އާއިލާ އެކަންޏެއް ނޫނެވެ. ދ، ކުޑަހުވަދޫގައި ތިބި ބައްޕަ އާއި ބައްޕަގެ އާއިލާވެސް ކަންބޮޑުވެ ހާސްވެ އެވެ. މާއިލްގެ އާއިލާ މީހަކު ބުނީ މާއިލް ބަލާ ބޮޑުކުރީ އޭނާގެ ދޮންމަންމަ ކަމަށާއި އޭނާވެސް މާއިލް ގެއްލުނު ފަހުން ހާލު ދެރަވެ ވަރަށް ބަލި ކަމަށެވެ. އަދި އަބަދުހެން ފުލުހުންނަށާއި ޅައިމަގުގައި ތިބި އާއިލާގެ މީހުންނަށް ގުޅައިގެން މައުލޫމާތު ހޯދަމުން ދާކަމަށެވެ.

އައިލާގެ މެންބަރުން އެކަމާ މެދު ކަންބޮޑުވެ ދެރަވެފައި ތިއްބަސް މާއިލް ފެންނާނެ ކަމުގެ އުންމީދު ކަނޑައެއް ނުލައެވެ. މާއިލްގެ ފަހަރިއެއް ބުނީ ރަށު އެންމެންގެ ވިސްނުމާއި ހިލާފަށް މުޅި އާއިލާއިން ގަބޫލް ކުރަނީ މާއިލް ގެއްލުމުގައި ސިއްރުތަކެއް އުޅޭ ކަމަށެވެ. އެހެންކަމުން އޭނާ ފެންނާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

އާއިލާއިން ތުހުމަތު ކުރަނީ މާއިލް ގެއްލުމުގެ ފަހަތުގައި އެރަށުގައި އޭނާ އާއި އެކު ވަޒީފާ އަދާ ކުރާ ކައްކާ ހަސަނުގެ އަތެއް އޮތް ކަމަށެވެ. ސަބަބަކީ އޭނާ ގެއްލުނު ދުވަހުގެ ރޭ އޭނާ ފުލުހުންނަށް ދިން މައުލޫމާތު އަނެއް ދުވަހު ބަދަލު ކުރި ކަމަށް އާއިލާއިން ބުނެ އެވެ. އަދި ފިރުނބައިދޫއިން އޭނާ ފުނަދޫއަށް ދާން ފުލުހުން އެންގުމުން އޭނާ އެރަށުން ނުދާނެ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

މާއިލްގެ ފަހަރި ބުނީ ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުން އެދުވަހު މާއިލްގެ އަމަލުތައް ހުރީ އަޖައިބު ކުރުވަނިވި ގޮތަކަށް ކަމަށް ކައްކާ ހަސަނު ބުނެފައިޥާ ކަމަށެވެ. އެގޮތުން "ޔާ ﷲ" ކިޔުމަށް ފަހު މެންދުރު ބަތް ކައްކަން އުދާފައި ހުރި ފެން ތެލީ ތެރެއަށް އޭނާ އޮތް ކޮށްޕާލި ކަމަށާއި، އެކަމާ ހާސްވެގެން ކައްކާ ހަސަނު ރަށުގެ ވެރި ފަރާތަށް އެކަން ރިޕޯޓު ކުރުމުން މާބޮޑު އަހައްމިއްޔަތު ކަމެއް އެކަމަށް ނުދިން ކަމަށް އޭނާ ބުނި ކަމަށް ވެ އެވެ.

އަދި އޭނާ އެރަށަށް ވަޒީފާއަށް ދިއުމުން ހިތްހަމަނުޖެހިގެން އޭނާ ބަލާ އާއިލާއިން ފޮނުވިކަން އޭނާ އަށް އެނގޭނީ ހަސަންބެ މެދުވެރި ކޮށެވެ. މާއިލް ހޯމަ ދުވަހު އެ ރަށަށް ވަޒީފާއަށް ދިޔައީ ހަނދާން ނެތިގެން ފޯނު ޅައިމަގު ގޭގައި ބާއްވާފައި ކަމަށް އޭނާ އެރަށަށް ގެންގޮސްދިން މީހާ ބުންޏެވެ.

"އޭނާ ގޮވައިގެން ގޮސް ފިރުނބައިދޫ ފަޅަން ޑިންގީ ވަތްތަނާ ބުނި ފޯނު ބާޢްވާފައޭ މިއާދެވުނީ. ހިނގާށޭ އަލުން ދާން. އަނބުރާ ރަށަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވާތީ ބުނިން މާދަމާ ކަނޑުމައްޗަށް ނުކުމެފަ ގެނެސްދޭނަމޭ. ބުނީމަ ބުނި މާމައަށް އެނގޭނޭ ފޯނު އޮތްތައް. އަހަރެން އަތުގައި ފޯނު އޮތީ އަނެއްދުވަހު އެއީ ހަނދާން ނެތިގެން ނުގެންދެވިދާނެތި ކުރީބައި ނަގާފައި،" މާއިލް އެރަށަށް ލާން ޑިންގީގައި ދިޔަ މީހާ ބުންޏެވެ.

އެވާހަކަތަކާއި ގުޅިގެން އާއިލާއިން ބުނީ މާއިލް ބަލާދާކަން އެންގީ ކައްކާ މީހާ މެދުވެރިކޮށް ކަމުން މާއިލް ޅައިމަގަށް ދާން ތައްޔާޜުވާނީ އޭނާގެ އެންގުމަށެވެ. އެހެންވެ ކައްކާ ހަސަނަށް ޝައްކު ކުރާ ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިން ވަނީ އޭނާ ފުލުހުންގެ އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްދިނުމަށް އަންގާރަ ދުވަހުން ފެށިގެން އެދިފައި ކަމަށް މާއިލްގެ ފަހަރި ބުންޏެވެ. އޭނާ ބުނީ މާއިލްގެ ބައްޕަ ފަރާތުންނާއި މަންމަގެ އާއިލާގެ ފަރާތުން ތަކުރާރުކޮށް ގުޅުމުން ބައެއް ފަހަރު އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުނާއިރު އަނެއް ފަހަރު ބުނަނީ ސުވާލު ކުރަމުންދާކަމަށެވެ. އަދި އަނެއްބައި ފަހަރު މީހުންގެ ފަރާތުން  އޭނާ އާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާކަން އެނގުނު ކަމަށް ފަހަރި ބުންޏެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ހުކުރު ދުވަހު، ދުވަހަށް ވިދާޅުވީ ހުކުރު ދުވަހާއި ހަމައަށް މާއިލްގެ މައްސަލައިގައި އެއްވެސް މީހަކާއި ސުވާލު ކޮށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ބުދަދުވަހުން ފެށިގެން އާއިލާއަށް މައުލޫމާތު ދީފައިވަނީ ކައްކާ ހަސަނާއި ސުވާލުކުރަމުންދާ ކަމަށެވެ.

ފުލުހުން ކައްކާ ހަސަނާއި ރަސްމީކޮށް މައްސަލައާއި ގުޅޭގޮތުން ސުވާލު ކުރަން ފެށީ އިއްޔެ އެވެ.

ހޯދަން ކުރާ މަސައްކަތް

މިހާތަނަށް ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ފިރުނބައިދޫ އެތައް ފަހަރަކު ބަލާފައި ވާއިރު އެ ސަރަހައްދުގައި ހުރި ރަށްތައް ހިމެނޭ ކަނޑުގެ ސަރަހައްދުވެސް ވަނީ ބަލާފައި އެވެ. އަދި އެމްއެންޑީއެފް ކޯސްޓް ގާޑޫން ދަނީ ފިރުނބައިދޫ ހިމެނޭ ސަރަހައްދަށް ފީނުމުގެ އިތުރުން ޑައިވިން ކޮށްގެންވެސް މާއިލް ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ.

މާއިލް ހޯދުމުގެ މަސައްކަތް އާންމުން ހުއްޓާލާފައިވާއިރު ފުލުހުންނާއި އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދާ ކަމަށެވެ.

އަބްދުﷲ މާއިލް ފެނޭތޯ ފުލުހުން ކުރަމުންދާ މަސައްކަތް އާއިލާއިން އަބަދުވެސް ދަނީ ގާތުން ބަލަމުންނެވެ. އާއިލާއިން މާއިލް ފެންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދާއިރު އޭނާގެ އެކުވެރިންވެސް ދަނީ މާއިލް ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

https://www.facebook.com/Lhaimagu/photos/a.1453972008176838.1073741828.1451726791734693/1585001741740530/?type=1

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް