ރީތިރަށް ރިސޯޓުގެ މޫދު ކޮޓަރިއެއްގައި ރޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު އެ ހާދިސާ ހިނގީ މޫދު އެ ކޮޓަރީގެ ފުރާޅަށް ހޮނު އެޅުމުން ކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެއެވެ. ދުވަސް ނޫހަށް ގިނަ މަސްދަރު ތަކަކުން އެގޮތަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ދުވަހަށް ލިބުނު މި މައުލޫމާތު ކަށަވަރުކުރުމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކުރެން އެހުމުން އެކަން އޭނާ ދޮގެއް ނުކުރައްވައެވެ. ބަދަލުގައި ރެފަރ ކުރެއްވީ އެމްއެންޑީއެފްގެ ވެބްސައިޓްގައި ލިޔެފައިވާ ޚަބަރަށެވެ. ރޯވީ ފުރާޅުގައިކަން އެ ޚަބަރުގައިވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ސީދާ އެއީ ހޮނު އެޅުމުގެ ސަބަބުން ކަން ބުނެފައެއް ނުވެއެވެ،
އެމްއެންޑީއެފް އިން ބުނެފައިވަނީ ހާދިސާގެ މަޢުލޫމާތު ލިބުމުން އެފްއާރުއެސްގެ ސިފައިން ވަނީ އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައި ކަމަށާއި ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓްގެ ވޯޓަރވިލާއެއްގެ ފުރާޅުގައި ކަމަށެވެ. ހާދިސާ ހިނގުމުން ރިސޯޓްގެ މުވައްޒަފުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް ވޯޓަރވިލާގެ ފުރާޅަށާއި ސީލިންގއަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށް ބުނެފައިވެއެވެ.
ރޭގައި އެ ރިސޯޓުގައި ކާންުޔޭ ވެސްޓްގެ ވަރަށް ހާއްސަ ޑީޖޭއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އައު އަހަރު ފާހަގަކުރުމަށް ކުރިއަށްގެންދިޔަ އެ ޑީޖޭގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް