އައު އަހަރަކީ އައު އުންމީދުތަކާއެކު ހަލުވިކޮށް ކުރިއަށްދާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

މި ފެށުނު އައު އަހަރަކީ އައު އުންމީދުތަކާއެކު ހަލުވިކޮށް ކުރިޔަށްދާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގ...

01 Jan 2024 | 11:07

މި ފެށުނު އައު އަހަރަކީ އައު އުންމީދުތަކާއެކު ހަލުވިކޮށް ކުރިޔަށްދާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި އައު އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މަޢުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި ނަފުސުގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފާއިތުވެގެންދިޔަ އަހަރަކީވެސް ދިވެހިން މުހިންމު ނިންމުންތަކެއް ނިންމައި ކުލަގަދަ ތަސައްވުރެއް ކުރެހި އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް އޮވެގެންނުވާނެކަމަށާއި ދުނިޔޭގެ އެހެން ޤައުމުތައް ޙާޞިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ދިވެހިން ނިންމާފައިވާކަން ޚިޠާބުގައި ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ބޭނުންވާކަމަށް ވެސް ދިވެހިން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ ދިވެހިން އައު ސަރުކާރެއް ހޮވައި ދިވެހިންގެ އެ ނިންމުންތައް ހަޤީޤަތަކަށް ހެދުމަށް އެސަރުކާރާ ހަވާލުކޮށްފައިވާކަމަށާއި އަދި ސަރުކާރު ކުރިޔަށްދާނީ އެ މަސްއޫލިއްޔަތު ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ކަމަށެވެ.

ހަމައެހެންމެ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ މިސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް