ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެކުދިން މިއަދު ފުރައިފިކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ބޯންމެރޯ ހެދުމަށް ފުރަތަމަ ކުއްޖާ ފުރާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ14ގެ ވައުދުފުޅުތަކުގެ ތެރޭގައި ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރުދޭ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ހިމެނޭއިރު، ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ހަފްތާ14ގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އެސްޓީއޯ އާއި މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ދެމެދު އެއްބަސްވުމަކަށް އައުމާއި ތެލިސީމިއާ ކުދިންނަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސް ކަނޑައެޅޭ ފާމަސީތަކުގައި އެއް އުސޫލަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުންވެސް ހިމެނެއެވެ. ޓީ 2 ސްޓާރ ޓެސްޓުގެ ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލް މެދުވެރިވެ ހެދޭނެގޮތް ހެދުމަށްޓަކައި ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ހުށަހެޅުމާއި ޑީއެންއޭ ޓެސްޓްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އާސަންދައިގެ ދަށުން ހިދުމަތް ހޯދުމަށް ހުށަހެޅުންވެސް ހިމެނޭކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ މިނިސްޓްރީން ބުނީ ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކޭމްޕުތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް