ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދުފުޅުތަކުގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭގޮތަށް ހަމަޖައްސައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނީ އެކިއެކި އުމުރުފުރާތަކަށް އަމާޒުކުރެވިގެން މިއަދުން ފެށިގެން ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް މެދުވެރިކޮށް މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
އެންސްޕާއިން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދޭނެ މަގުފަހިކުރުމާއި، ދިވެހިރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެ ތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.
އެކިއެކި އުމުރުފުރާތަކަށް މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ތާރީހުތަކަކީ
- އުމުރުން 50 އަހަރުން މަތި – 1 ޖަނަވަރީ 2024
- 35 އަހަރާއި 49 އަހަރާއި ދެމެދު – 1 އެޕްރީލް 2024
- 19 އަހަރުން ދަށުގެ ކުދިން (ސްކޫލް ސްކްރީނިންގ ޕްރޮގްރާމް މުރާޖައާކުރުމަށްފަހު ތަންފީޒުކުރުން – 1 އެޕްރީލް 2024
- 19 އަހަރާއި 34 އަހަރާއި ދެމެދު – 1 ޖުލައި 2024
އެންސްޕާއިން ބުނީ އެ ރައްޔިތެއްގެ ވަށައިގެންވާ ހާލަތަށް ރިއާޔަތްކޮށް އެއް އަހަރުގެ ތެރޭގައި ދެ ފަހަރަށް މެޑިކަލް ޗެކަޕް ހަދަންޖެހޭ ފަރާތްތަކަށް، ދެވަނަ ފަހަރަށް މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
މި ހިދުމަތް ލިބިގަތުމަށްޓަކައި، ހިދުމަތް ހޯއްދަވަން ބޭނުންވާ މަރުކަޒަކަށް ގުޅުއްވައި މެޑިކަލް ޗެކަޕް އަށް އެދި ނަން ނޯޓުކުރެއްވުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތައް އަދި މާލެ ސިޓީނަމަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން މި ހިދުމަތް ލިބޭނެ ކަމަށް އެންސްޕާއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް