ތެޔޮ ބޯޓުން ދެމީހުން ގެއްލުން: ދިވެހި މީހާ ފަހުންވެސް ފެނުނު ކަމަށް ބުނާ ވާހަކަތަކެއް

ރޭގައި ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 28 ވީ ބުދަ ދުވަހުން ފެށިގެން ދެމީހަކާއެކު ތެޔޮ ބޯޓެއް ގެއްލިފައިވާކަމަށެވެ. ނަމަވެސް މިއަދު ބުނެފައިވަނީ ތެޔޮ ބޯޓު ފެނިފައިވާކަމަށާއި ނަމަވެސް ދެމީހުން އ...

01 Jan 2023 | 10:41

ރޭގައި ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 28 ވީ ބުދަ ދުވަހުން ފެށިގެން ދެމީހަކާއެކު ތެޔޮ ބޯޓެއް ގެއްލިފައިވާކަމަށެވެ. ނަމަވެސް މިއަދު ބުނެފައިވަނީ ތެޔޮ ބޯޓު ފެނިފައިވާކަމަށާއި ނަމަވެސް ދެމީހުން އަދި ފެނިފައިނުވާކަމަށެވެ.

ފުލުހުންގެ މި މައުލޫމާތަށް ބަލާއިރު މިކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް އުޅޭކަމުގައި ބެލެވެއެވެ. މިކަމުގައި ހިމެނޭ ބައެއް ކަންކަން ދުވަހުން ބަލައިލި އިރު އަޅުގަނޑުމެންނަށްވެސް ފާހަގަވީ މި ކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް އުޅޭ ކަމެވެ. އަދި ގެއްލުނު ދިވެހި މީހާ އެ ގެއްލުނުކަމަށް ބުނާ ފަހުންވެސް ބައެއް މީހުންނަށް ފެނިފައިވާކަމަށް އެބަ ބުނެއެވެ.

ތެޔޮ ބޯޓު ފުރިއިރު އޭގައި ތިބިކަމަށްވަނީ ގދ. ތިނަދޫ، މަނާރު، އުމުރުން 45 އަހަރުގެ މުހައްމަދު ނިޒާމާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން އެވެ.

ވިލިމާލޭ ބަނދަރުގައި މިފަދަ ތެޔޮ ބޯޓުތަކާއި ތެޔޮ ދޯނިތައް އަޅާފައި ހުރިއިރު އަޅުގަނޑުމެން އެ ސަރަހައްދަށްގޮސް ބައެއް ފަރާތްތަކާ ސުވާލުކޮށްލުމުން އެނގުނު ގޮތުގައި ގެއްލުނު ތެޔޮ ބޯޓަކީ ސައިޒުން ކުޑަ އާދައިގެ ދޯނި ވައްތަރުގެ ލަކުޑި ތެޔޮ ބޯޓެކެވެ. އަދި އެ ބޯޓު ނިސްބަތްވަނީ ފިއުލް ޕަވަރ ޕްރައިވެޓް ލިމިޓެޑަށް ކަންވެސް އެނގުނެވެ. ނަމަވެސް އެ ކުންފުނީގެ ވެރިއެއްގެ ނަމްބަރު އަދި އަޅުގަނޑުމެންނަށް ލިބިފައިނުވާތީ މިކަމުގައި އެފަރާތުގެ ބަހެއް ލިބިފައެއް ނުވެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި އެ ސަރަހައްދުގެ ތެޔޮ ބޯޓެއްގައި އުޅޭ ބިދޭސީއަކާއި ދިވެހި ކައްޕިއަކު ބުނީ ބޯޓުގައި އާއްމުކޮށް ތިބެނީ ބިދޭސީ މީހާ ކަމަށާއި އަދި ބޮސް ގުޅީމާ ނުވަތަ ބުނީމާ އާއްމު ގޮތެއްގައި ދަތުރު ދިއުމަށް ކައްޕިއަށް ގުޅަނީވެސް ބިދޭސީ މީހާ ކަމަށެވެ.

"ހާއްސަކޮށް އެ ބޯޓުގަ ލިޓަން (ބިދޭސީ މީހާ) އަބަދުވެސް ކައްޕިއަށް ގުޅާނީ، އެކަމަކު އެ ދުވަހު ކައްޕި ލިޓަން އަށް ގުޅީ ދަތުރެއް އޮތްކަމަށްބުނެ" ދުވަހަށް މައުލޫމާތު ހިއްސާކުރި ދެމީހަކު ބުންޏެވެ.

ހަމަ އެ ސަރަހައްދުން ދުވަހަށް މައުލޫމާތު ހިއްސާކުރި އިތުރު ފަރާތަކުން ބުނީ އެ ތެޔޮ ބޯޓު ފުރި ދުވަސް ނޫން އަނެއް ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 07:00 ހާއިރު އެތަނުން އެހެން ބޯޓެއްގައި ކައްޕި (ގެއްލިފައިވާ ދިވެހި މީހާ) މޫނު ދޮންނަން ހުރި ކަމަށެވެ. ނަމަވެސް އެއަށްފަހު އެ ސަރަހައްދުން އޭނާ ފެނިފައިނުވާކަމަށެވެ. ކައްޕި މޫނު ދޮންނަން ހުރި ތެޔޮ ބޯޓަކީވެސް އެ ކައްޕި ބައެއް ފަހަރު ދަތުރުކުރާ ތެޔޮ ބޯޓެއް ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

"އާއްމުކޮށް މި ސަރަހައްދުގަ އުޅޭނެ އެ ކައްޕި، ހެނދުނު ސައިބޯން ދިޔައިރު ފެނުނު އެ ކައްޕި އެ އޮތް ބޯޓުގައި (އެތަނުން ތެޔޮ ބޯޓަކަށް އިޝާރާތް ކުރަމުން) މޫނު ދޮންނަން ހުއްޓާ. އެކަމަކު އޭގެ ފަހަކުން ނުފެނޭ" ދުވަހަށް މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

އެ ސަރަހައްދުގައި އުޅޭ އެންމެންނަކީވެސް އެއް ބަޔަކު އަނެއް ބަޔަކަށް ދެކެފަރިތަ ބައެއް ކަމުގައިވާއިރު ޖެހިގެން އައި ދުވަހު ފެނުނީ އެ ކައްޕި ކަމަށް ވަރަށް ޔަގީންކަމާއެކު އެމީހާ ބުންޏެވެ. ނަމަވެސް އޭރު މިކަމެއް ހިނގައިގެން އުޅޭކަން އެނގިފައިނުވާކަމަށްވެސް އޭނާ ބުންޏެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓު ފެނުނީ އިންޖީނު ނިއްވާލައި ނެވިގޭޝަން ބައްތިތައްވެސް ނިއްވާލައިފައި އޮއްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުން އޮޔާ ދަނިކޮށެވެ. އެ ބޯޓު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ކަމުގައި ސުވާލުތަކެއް އުފެދޭ ކަންތައްތަކެއް ހުރި ނަމަވެސް މިކަމުގައި ފުލުހުން އަދި މާ ގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތަކީ އެ ތެޔޮ ބޯޓު ފެނިފައިވާކަމާއި ދެމީހުން ނުފެންނަ ކަމެވެ. އަދި އެ ބޯޓުން ދަތުރުކުރީ އެ ދެމީހުން ކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް