ޑިސެމްބަރު 28 ވަނަ ދުވަހުގެ ރެއިން ފެށިގެން ތެޔޮ ބޯޓެއް ދެމީހަކާއެކު ގެއްލިފައިވާއިރު އެ ދެމީހުން ނުފެނުނު ނަމަވެސް ތެޔޮ ބޯޓު ފެނިއްޖެއެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދެމީހުން ދަތުރުކުރި ތެޔޮ ބޯޓު، އެއާޕޯޓް ނެރުކައިރިން އޮޔާދަނިކޮށް ބުރާސްފަތި ދުވަހު ފެނިފައިވާކަމަށެވެ. ނަމަވެސް މީހުން ފެނުނުކަމަށް ބުނެފައެއް ނުވެއެވެ.
"ބޯޓުން ދަތުރުކުރީ އެ ދެމީހުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓު ފެނުނު ނަމަވެސް ބޯޓުން ދަތުރުކުރި ދެމީހުން ފެނިފައެއް ނުވެއެވެ. ދެމީހުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި ބުދަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓު ފުރިއިރު އޭގައި ތިބިކަމަށްވަނީ ގދ. ތިނަދޫ، މަނާރު، އުމުރުން 45 އަހަރުގެ މުހައްމަދު ނިޒާމާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން އެވެ.
މި ދެމީހުންގެ ހަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ބޯޓު ފެނުނު އިރު ދެމީހުން ފެނިފައިނުވާތީ މިކަމުގައި ވަރަށް ގިނަ ސުވާލު ވަނީ އުފެދިފައެވެ. ނަމަވެސް ފުލުހުން އަދި މިކަމާއި ގުޅޭގޮތުން މާގިނަ ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް