ޕްރިމިއާ ލީގު: ރޭކުޅުނު މެޗުތަކުން ކްރިސްޓަލް ޕެލަސް އަދި ފުލަމް މޮޅުވިއިރު، ސިޓީ އާއި ނިއުކާސަލް މެޗު އެއްވަރުވެއްޖެ

އިނގިރެސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ކްރިސްޓަލް ޕެލަސް އާއި ފުލަމް މޮޅުވި އިރު، މެންޗެސްޓަރ ސިޓީ އާއި ނިއުކާސަލް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފަސް މެޗުގެ ނަތ...

01 Jan 2023 | 04:10

އިނގިރެސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ކްރިސްޓަލް ޕެލަސް އާއި ފުލަމް މޮޅުވި އިރު، މެންޗެސްޓަރ ސިޓީ އާއި ނިއުކާސަލް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފަސް މެޗުގެ ނަތީޖާތަކަށް ބަލާއިރު، އެފްސީ ބޯންމައުތް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 0-2 ގެ ނަތީޖާއިން މޮޅުވީ ކްރިސްޓަލް ޕެލަސްއެވެ.

ކްރިސްޓަލް ޕެލަސް އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ޖޯޑަން އަޔޫ އާއި އެބެރެޗީ އެޒޭއެވެ. މި މޮޅާއި އެކު ކްރިސްޓަލް ޕެލަސް މިވަގުތު އޮތީ ކުޅުނު 16 މެޗުން 22 ޕޮއިންޓް ލިބިގެން ތާވަލްގެ 11 ވަނާގައެވެ.

ފުލަމް އަދި ސައުތެމްޕްޓަން ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބު ކުރީ ފުލަމްއިންނެވެ. މި މެޗުގައި ފުލަމްގެ ފުރަތަމަ ލަނޑަކީ ސައުތެމްޕްޓަންގެ ވޯޑް ޕްރޯސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފުލަމްގެ ދެވަނަ ލަނޑު ޖަހައިދިނީ ޕަލީނިއާއެވެ. މި މެޗުގައި ސައުތެމްޕްޓަންގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ ވޯޑް ޕްރޯސްއެވެ. މި ނަތީޖާއާއި އެކު ފުލަމް އޮތީ އެޓީމު ކުޅުނު 17 މެޗުން ލިބުނު 25 ޕޮއިންޓާއި އެކު ތާވަލްގެ ހަތް ވަނާގައެވެ.

މެންޗެސްޓަރ ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގައި ސިޓީގެ ލަނޑު ޖަހައިދިނީ އާލިން ހާލަންޑްއެވެ. އަދި އެވަޓަންގެ ލަނޑު ޖަހައިދިނީ ޑެމަރާއި ގްރޭއެވެ. މި ނަތީޖާއާއި އެކު ކުޅުނު 16 މެޗުން ލިބުނު 36 ޕޮއިންޓާއި އެކު ސިޓީ ތާވަލްގެ ދެވަނާގައި އޮތްއިރު، އެވަޓަން އޮތީ ކުޅުނު 17 މެޗުން ލިބުނު 15 ޕޮއިންޓާއި އެކު ތާވަލްގެ 16 ވަނާގައެވެ.

ނިއުކާސަލް ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިން އެއްވަރުވެ އޮވެއެވެ. މި ނަތީޖާއާއި އެކު ނިއުކާސަލް އޮތީ 34 ޕޮއިންޓާއި އެކު ތާވަލްގެ ތިންވަނާގައެވެ. އަދި ލީޑްސް އޮތީ 16 ޕޮއިންޓާޤއި އެކު 14 ވަނާގައެވެ.

ރޭގެ ފަހު މެޗުގައި އާސެނަލް އާއި ބްރައިޓަން ބައްދަލުކުރި އިރު، މި މެޗު 4-2 ގެ ނަތީޖާއި ކާމިޔާބު ކުރީ އާސެނަލުންނެވެ. މި މެޗުގައި އާސެނަލްގެ ލަނޑުތައް ޖަހައިދިނީ ސަކާ އާއި އޮޑިގާޑް އަސި ނިކޭޓާ އެވެ. ބްރައިޓަންގެ ލަނޑުތައް ޖަހައިދިނީ މިޓޯމާ އާއި ފާގަސަންއެވެ. މި ނަތީޖާއާއި އެކު އާސެނަލް އެތީމުން ކުޅުނު 16 މެޗުން 43 ޕޮއިންޓް ލިބިގެން އޮތީ ތާވަލްގެ އެއްވަނާގައެވެ. އަދި ބްރައިޓަން އޮތީ ކުޅުނު 16 މެޗުން 24 ޕޮއިންޓް ލިބިގެން ތާވަލްގެ އަށްވަނާގައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް