ޕްރިމިއާ ލީގު: ރޮޑްރީ ފަހުވަގުތު ކާމިޔާބު ކޮށްދިން ލަނޑުން ސިޓީ މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީން މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖ...

01 Jan 2022 | 16:25

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ހަވީރު އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އާސެނަލަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާއެވެ.

މެޗުގެ ފުރަތަމަ ހާފު އާސެނަލް ކުރީގައި އޮވެ ނިމުނުއިރު، ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު ހާފުގައެވެ. މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޔާދް މަޙްރޭޒްއެވެ. މިއީ އާސެނަލްގެ ޒަހާ ސިޓީގެ ސިލްވާއަށް ކުރި ފައުލަކާއި ގުޅިގެން ދިން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެވެ.

އާސެނަލް އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 59 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑު ދައްކާ އެޓީމުގެ ގެބްރިއެލް ދަނޑުން ފޮނުވާލުމުންނެވެ. އާސެނަލުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުގެ ނަތީޖާއަކަށް ވީ ސިޓީން އާސެނަލްގެ ފަހަތަށް ބާރު ބޮޑުކޮށް ފުފުލުގައި ގިނަ ހަމަލާތައް އުފައްދަމުން ދިއުމެވެ. މި މެޗުގައި ސިޓީން ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ.

މިނަތީޖާއާއެކު ސިޓީން އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 53 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި އާސެނަލް އޮތީ ކުޅުނު 20 މެޗުން ލިބުނު 35 ޕޮއިންޓާއެކު ހަތަރުވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް