އެމްޓީސީސީ ރަށްވެހި ޗެލެންޖް 2021 ގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް އެސް.ޖީ.ސީން މޮޅަކާއެކު މުބާރާތް ނިންމާލައިފިއެވެ.
ރޭވަން އެސް.ސީއާއި ވާދަކޮށް މިއަދުގެ މެޗް އެސް.ޖީ.ސީން ކާމިޔާބު ކުރީ 2 ލަނޑު 0 ލަނޑުންނެވެ. މިމެޗާއެކު 2 ޓީމަށް ވެސް ވަނީ މުބާރާތް ނިމިފައެވެ.
މިއަދުގެ މެޗު ފަށައިގެން މާގިނަ އިރު ތަކެއް ނުވެ އެސް.ޖީ.ސީން ވަނީ ގޯލް ޖަހާފައެވެ. ހަތަރު ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޙުސައިން ރާއިފް އަޙުމަދު (ޕިޑާ)އެވެ. މިހާފުގައި ގޯލްޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބުނު އެސް.ޖީ.ސީން އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކުރީ 26 ވަނަ މިނެޓުގައި ކުރިޔަށްކުޅޭ އަޙުމަދު ޝަބީން (ޖަޑާ) އެވެ.
ދެވަނަ ހާފުގައި އެސް.ޖީ.ސީއަށް ވުރެ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅެ ގިނަ ޙަމަލާތަކެއް އުފައްދާ ގޯލް ޖަހާނެ ރަނުގެ ފުރުޞަތުތަކެއް ތަނަވަސްކުރީ ރޭވަން އެސް.ސީއެވެ. އެހެން ނަމަވެސް ލިބުނު އެންމެ ފުރުޞަތެއްވެސް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއް އެޓީމަކަށް ނުވިއެވެ.
ރޭވަން އެސް.ސީ މުބާރާތް ނިންމާލި އިރު އެންމެ ގޯލެއް ވެސް ޖެހިފައެއްނުވެއެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.ޖީ.ސީގެ މެދުތެރެއަށް ކުޅުނު އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ލުހާމް ޢަބްދުލް ލަޠީފެވެ. މޮޅު ކުޅުންތެރިޔާއަށް ޓްރޮފީއާއި ފައިސާގެ ޢިނާމު ޙަވާލުކޮށް ދެއްވީ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުލް މުޙުސިން ޙަމީދެވެ.
މިމުބާރާތުގެ ހުރިހާ މެޗެއްގެ މޭން އޮފް ދަމެޗަށް ފ. ނިލަންދޫ ޕާމްލޮޖް ޢަލީ އަޙުމަދުގެ ދެމަފިރި ކަނބަލުންގެ ފަރާތުން ފައިސާގެ ޢިނާމު ވަނީ ހުށަހަޅާފައެވެ.
މުބާރާތުގެ މެޗެއް ދެން އޮންނާނީ ޖެނުއަރީ 2 ވާ އާދީއްތަ ދުވަހުއެވެ. ގްރޫޕް ސްޓޭޖުގެ ވެސް ފަހުމެޗު ކަމަށްވާއިރު އެމެޗްގައި ބައްދަލުކުރާނީ މިހާރުވެސް ފައިނަލްގެ ދެ ޖާގަ ކަށަވަރުވެފައިވާ އެން.ވައި.ޖީއާއި ފަހުލަވާނެވެ.
މުބާރާތުގެ އެކިވަނަތައް ޙާޞިލްކުރާ ކުޅުންތެރިންނަށް ޢިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާއަށާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔަކަށް ވޭލް ސަބްމެރިންގެ ފަރާތުން ފްރީ ޑައިވްއެއް މިހާރުވަނީ ހުށަހަޅާފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް