މާލޭ ސިޓީ ކައުންސިލްގެ އެއްލައްކަ ގަސް އިންދުމުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މާލޭ ސިޓީގެ މަގުތަކާއި ޕާކުތަކުގައި އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފިއެވެ.
އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފަށައިދީފައި ވަނީި މާލެ ސިޓި ކައުންސިލަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްދީފައިވާ އެ ސިޓީ ކައުންސިލްގެ ސީނިއާ އެކައުންޓްސް އޮފިސަރ އަބްދުﷲ ރަމީޒެވެ.
މި ޕްރޮގްރާމްގެ ދަށުން މިއަދު 150 ގަސް އިންދާނެއެވެ. މީގެ ތެރެއިން 65 ޕަސެންޓް ގަހަކީ އަނބުގަހެވެ. މީގެ އިތުރުން ސައްކެޔޮގަހާއި ހިތިގަހާއި ދަނބުގަސް ފަދަ ގަސްތައް ވެސް އިންދާނެއެވެ.
އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމު ފެށުމަށްޓަކައި ސިޓީ ކައުންސިލުން އެކަމަށް ބޭނުންވާ ގަސްތައް ގެނެސްފައިވަނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުންނެވެ.
މި ގަސްތައް ބެހެއްޓުމަށްޓަކައި ކާނިވާ ސަރަހައްދުގައި ހާއްސަ ނާސަރީއެއް ހެދުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެން ގޮސްފައި ވެއެވެ.
މާލޭ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަހާލައިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް