މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ޤައުމުގެ ތަރައްޤީގައި ޢަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަޙުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ވިިދާޅުވީ ފާއިތުވެދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ޤައުމު ގެންދެވުނު އަހަރެއްކަމުގައެވެ.
އެގޮތުން، މުޅި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނީ އުނދަގޫ ފިޔަވަޅުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ވަނީ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑްގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބެއްދުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށްވުރެ ފާގަތި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމުގައި ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް ވިދާޅުވީ ޤައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖްތަމަޢު އެކުގައި ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ ކަމުގައެވެ.
މީގެއިތުރުން، ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، ދިވެހިރާއްޖެ މިއަދު މިވަނީ، އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައިފައިކަމުގައި ވިދާޅުވެފައިވެއެެވެ.
އަދި ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ރުޖޫޢަވެވިފައި ވިޔަސް، ކޯވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ނޫންކަން ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެގޮތުން ރައީސް ވަނީ މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަވުން ކަމުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.
މިގޮތުން، މިފެށުނު އާ އަހަރަކީ، ތަރައްޤީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށް ވުރެ އެތައް ގުނައަކަށް ޙާޞިލްކުރެވޭނެ އަހަރެއްކަމުގައި ވާނެކަން ހާމަކުރައްވާފައެވެ.
ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، އެ ރަށްރަށުގައި ޤާއިމުކުރުމަށް ފަށާފައިވާ ކިތަންމެ މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށް ރައީސް ވިދާޅުވިއެެވެ.
ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ޙަޤީޤީ މަންފާ ޤައުމަށް ކުރާނީ، ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން މިހާރަށް ވުރެ ހަރުދަނާވެގެންކަމުގައި ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް