ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އިސްލާމީ ޝަރީއަތް ނޫން ޝަތީއަތެއް އޮތުން އެއީ މުޅި މުޖުތަމައު ނާމާން ކަމާއި ބިރުވެރި ކަމެއްގެ ތެރޭގައި ތިބެންޖެހުމުގެ މައިގަނޑު އަސްލެވެ.
ވައްކަން ކުރުމާއި، މަގުފޭރުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީއާއި ރޭޕް ކުރުންފަދަ ކުށްތަކަށް ދޭންޖެހޭ އަބަދު ތަންފީޒު ކުރެވޭ ކަމަށް ވާނަމަ ކުށް ކުރުން ހުއްޓުވޭނެ ކަމާއި މެދު ދެބަސްވޭވޭކަށް ނެތެވެ.
އެކަލާނގެ ބާއްވާލެއްވި ޤާނޫނަކީ ނުވަތަ ޝަރީއަތަކީ އޭގައި އެއްވެސް އުނިކަމެއްނުވާ އަދި ހުރިހާ ޒަމާނަކަށް އެކަށޭނަ ޤާނޫނެކެވެ. އެ ޤާނޫނަކީ އެހެން އެއްވެސް ފަރާތެއްގެ ޚިޔާލެއް މަޝްވަރާއެއް ބޭނުންވާނޭ ޤާނޫނެއް ނޫނެވެ. އެކަލާނގެ ބާއްވާލެއްވި އިލާހީ ޤާނޫނުގެ އަސާސަކީ މީސްތަކުންގެ މެދުގައި އިންސާފް ޤާއިމްކުރުމެވެ. އެއްވެސް މީހަކީ އަނެކާގެ މައްޗަށް ގަދަވެގަނެވޭނޭ މީހެއްނޫންކަން ބަޔާންކޮށްދެއްވުމާއެކު އެކަން މި ބިންމަތީގައި ތަންފީޒްކުރުމެވެ.
އެކަލާނގެ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
”ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަން ރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލް އިންސާފުގެ ތިލަފަތް ބާއްވާލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލް އިންސާފު ޤާއިމްކުރުމަށްޓަކައެވެ. އަދި ތިމަން ރަސްކަލާނގެ ދަގަނޑު ބާއްވާލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއް ވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲ އާއި، އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ އެކަން އެންގުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ ޢަޒީޒްވަންތަ ރަސްކަލާނގެއެވެ.“ (الحَدید 57:25)
ދީނުގައި އަންގަވާފަައިވާ އިސްލާމީ ޝަރީއަތަށް އަމަލުކޮށްގެން ނޫނީ މިމުޖުތަމަޢު އިސްލާޙު ނުވާނެއެވެ. ހައްދު ކަނޑައެޅިގެންވާ ކުށްތަކަކީ އެފަދަ ކުށްތަކަށް ދެވޭ އުޤޫބާތުގެ ސަބަބުން އެހެންމީހުންނަށް އެއިން ފިލާވާޅު ލިބިގަތުމަށާއި މުޖުތަމަޢު އިސްލާޙްކުރުމަށް ކަނޑައެޅިފައިވާ އުޤޫބާތްތަކެކެވެ. ހައްދު ކަނޑައެޅިގެންވާ ކުށްތަކަކީ މުޅި މުޖުތަމަޢުއަށް އޭގެ ނުބައި އަސަރުތައް ފެތުރިގެންދާ މުޖުތަމަޢު ފަސާދަކުރުވަނިވި ކުށްތަކެވެ. އެއީ ކަމަކަށް ނަހަދާ ދޫކޮށްލާވަރު ކަންކަމެއް ނޫނެވެ.
އެހެނަސް ސައްތައިންސައްތަ މުސްލިމު ޤައުމެއް ކަމަށް ދަޢުވާކުރާ މިޤައުމުގައި ހުކުމް ކުރުމުގައި އެންމެ އިސްކަމެއް ދެނީ އިލާޙީ ޤާނޫމަށް ވުރެ ބޮޑަށް ވަޟުޢީ ޤާނޫންތަކަށެވެ. އިސްލާމި ޝަރީޢަތަށް އަމަލުކުރުމެއް ނެތެވެ. ކޮންމެ ކަމެއްގައިވެސް ފުރަތަމަ ބަލަން ޖެހޭ އެއްޗަކަށް އަމިއްލަ އަތުން ހަދާ ފާސްކޮށްފައިވާ ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް މިވަނީވެފައެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އިލާހީ ޤާނުނުތައް އެއްކިބާކޮށް ހަމައެކަނި އިންސާނުންގެ ވިސްނުމުން ހަދާފައިވާ ހުކުމްތަކާއި ޤާނޫނުތައް މީސްތަކުންގެ މައްޗަށް ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ މުޖުތަމަޢު މިވަނީ ފަސާދަވެގޮސްފައެވެ.
ވީއިރު އަޅުގަނޑުމެންގެ މުޖުތަމަޢު ހަމަމަގަށް އަޅުވާ އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރެވޭނީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އޯގާވަންތަ ރަޙްމާންވަންތަ ރަޙީމްވަންތަ އަދި އެންމެ އިންސާފްވެރި އިލާޙް ﷲ ﷻ އަޅުގަނޑުމެންނަށް ބާއްވާލައްވާފައިިވާ ޝަރީޢަތް ފުރިހަމަގޮތުގައި ތަންފީޒުކުރެވިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް